ނަޝީދުގެ ޝަރީއަތް އަވަސްކުރަން ބޭނުމެއް ނޫން: ރައީސް ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އަވަސްކުރަން ބޭނުންނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާ އަށް ވާދައްކުރައްވާ މުހައްމަދު ޝިނާން (ނާނީ)ގެ ކެމްޕޭން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރުމަކީ ނަޝީދަށް ހުކުމް އަންނަން ޖެހޭވަރުގެ ކުށެއް ކަމަށެވެ. އަދި ޝަރީއަތްތައް އަވަސްކުރަން ސަރުކާރަށް ވެސް މަސައްކަތްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"[އަބްދުﷲ ގާޒީ ހައްޔަރުކުރުން] އެއީ އޭގެ ޒާތުގައި ގާނޫނު ހިނގާ ކަމުގައި ވަންޏާ، ގާނޫނު ހިންގާ ކަމުގައި ވަންޏާ ހުކުމް އަންނަންޖެހޭ ކަމެއް. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ނެތީމޭ އެ ހުކުމް އަވަސްކުރާ ކަށެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކޯޓުތަކުގައި ހުރި މަސައްކަތް އަވަސްކުރަން ސަރުކާރަށް ވެސް މަސައްކަތްތަކެއް ކުރެވިދާނެ ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ކޯޓުތަކުގެ މަސައްކަތް އަވަސްކުރަން ޖެހޭ ވާހަކަ ރިއާސީ ކެމްޕޭނުގައި ދެއްކެވީ މަދަނީ މައްސަލަތައް އަވަސްކުރުމަށް ކަމަށެވެ.
"ޖިނާއީ އަދުލްގެ ދާއިރާއަކަށް އަޅުގަނޑުމެންގެ ސަރުކާރަކުން ވަންނާކަށް ބޭނުމެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދުގެ ޝަރީއަތް ހުއްޓިފައި އޮތުމުން، ރިއާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީން ތަކުރާރުކޮށް ވަނީ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ޖިނާއީ އަދުލުގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ މީހަކަށް ވާންޖެހޭ ކަމަށާއި ނަޝީދުގެ މައްޗަށް ޖިނާއީ އަދުލު ނުހިންގޭ ނަމަ އެހެން އެއްވެސް ރައްޔިތެއްގެ މައްޗަށް އެ ނިޒާމު ހިންގިގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، މިދިޔަ އަހަރު އޮގަސްޓް މަހު ފުނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި އޭރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް ލަސްވަމުންދާތީ މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވެ، މަދަނީ ޖަމިއްޔާތަކަށް ވެސް ރައީސް ޔާމީން ރޭ ފާޑުވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ޖުޑީޝަރީ ކަމުނުދާ ކަމަށް ބުނާ ޖަމިއްޔާތަކާއި ދިވެހިރާއްޖެ އަށް ގާނޫނުތައް ބޭނުންވާ ކަމަށް ބުނާ ފަރާތްތަކަށް އަދި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލަށް ނަޝީދުގެ ޝަރީއަތް ހުއްޓިފައިވާ ތަން ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލަކު ނެތުމުން ޝަރުއީ މައްސަލަތައް ހުއްޓިފައިވާ އިރު، އެކަމާ ކަންބޮޑުވާ ބަޔަކު ވެސް ފެނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދުގެ ޝަރީއަތް ހުއްޓިފައިވަނީ އެ ޝަރީއަތް ހިންގުމަށް ހުޅުމާލޭ ކޯޓުގައި އެކުލަވާލާފައިވާ ބެންޗުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް އެ ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިސް ފަނޑިޔާރު އަހްމަދު ޝަރީފް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑްކުރުމުންނެވެ. އަދި އެ މައްސަލަ ބައްލަވަމުން ގެންދެވި ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ޝުޖާއު އުސްމާން ކްރިމިނަލް ކޯޓަށް އަދި ހުސައިން މަޒީދު ސިވިލް ކޯޓަށް މިހާރު ވަނީ ބަދަލުކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ