ވިކްޓްރީގެ އެއް ބާނީ މައިނާ ރަޝީދު އަވަހާރަވެއްޖެ

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެއް ބާނީ ކަމަށްވާ މައިނާ އިބްރާހިމް ރަޝީދު އިއްޔެ އަވަހާރަވެއްޖެ އެވެ.މައިނާ،  ،60 އިއްޔެ އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އައިޖީއެމްއެޗުގަ އެވެ.ކުޅިވަރު ކުޅުމާއި، ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމާއި ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފަރާތުން ދޭ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި މައިނާ ވަނީ ވިކްޓަރީއަށާއި ކުޅިވަރަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވައިފަ އެވެ.އުފަން އަވަށް ކަމަށްވާ ގަލޮޅަށް ކުޅިވަރުގެ ތަފާތު ތަށިތައް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި އެކުވެރި އެހެން ބައެއް ކުޅުންތެރިން އެކުވެގެން ޖުލައި  ،3  1971 ވަނަ އަހަރު ވިކްޓަރީ އުފެއްދެވި މައިނާ ވަނީ  1971 އިން ފެށިގެން  1978 ވަނަ އަހަރާ ހަމަޔަށް ކުޅުންތެރިއެއްގެ ގޮތުން ފުޓްބޯޅަ އާއި ހޮކީ އާއި ކްރިކެޓާއި ޓެނިހާއި ބެޑްމިންޓަންގެ އިތުރުން ވޮލީބޯޅަ އާއި ބައިސްކަލް ރޭސް އަދި އެތުލެޓިކްސް އާއި ފެތުމުގެ އިތުރުން ޓީޓީ އިން ވެސް ޗެމްޕިއަންކަން ހޯއްދަވައިފަ އެވެ. އަދި މެނޭޖަރެއްގެ ގޮތުގައި ވެސް މައިނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވައިފަ އެވެ. ވިކްޓަރީގެ އެންމެ ރަން ދައުރު ކަމަށްވާ  1980ގެ އަހަރުތަކުގައި ފުޓްބޯޅަ އިން ބޮޑެތި ރެކޯޑްތައް ހެދިއިރު ކްލަބް ހިންގުމުގެ އިސް ތަނބަކީ މައިނާ އެވެ. އަދި ބައިނަލްއަގުވަމީ ފެންވަރުގައި ރާއްޖެ އޭރު ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށްވާ  1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑެލް ހޯދި ޓީމުގެ މެނޭޖަރަކީ ވެސް މައިނާ އެވެ. ގައުމީ ޓީމު  1993 ވަނަ އަހަރުގެ ސާފް ގޭމްސް އަށް ދިޔަ އިރު ވެސް މެނޭޖަރަކީ މައިނާ އެވެ.މައިނާ އުފެއްދެވި ވިކްޓަރީގެ  40 އަހަރުގެ ތާރީޚުގައި މިހާތަނަށް އެ ކްލަބުން ވަނީ  100 އަށް ވުރެ ގިނަ ޗެމްޕިއަންޝިޕް ހޯދައިފަ އެވެ. ހާއްސަކޮށް ފުޓުބޯޅައިން ވިކްޓަރީ ހޯދި  30 އަށް ވުރެ ގިނަ ޗެމްޕިއަންޝިޕުގެ ތެރޭގައި ގައުމީ ފުޓުބޯޅަ ތަށި ދެ ފަހަރަށް މިލްކުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ