މާފުށިވަރު ރިސޯޓް ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި، ވަގުތުން ފައިސާ ދެއްކި!

ރިސޯޓް ތަރައްގީކުރުމުގައި އީއައިއޭއާ ހަލާފުވެފައިވާތީ, އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އދ. މާފުށިވަރު ރިސޯޓު 402،500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މާފުށިވަރު ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ބަޔާނާއި އީޕީއޭގެ ހުއްދައާ ހިލާފަށް ކަމަށެވެ.
އެހެންކަމުން “ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ބެހޭ ގާނޫނު”ގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށް, އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި, ޖޫރިމަނާކުރުމާއެކު އެ ރިސޯޓުން ވަނީ ވަގުތުން ފައިސާ ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވި މާފުށިވަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓެކެވެ. އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ ޖަރުމަނުގެ ޑާ ޓުއަރިސްޓިކް ބްރޭންޑުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ