ދެ ޓީމުގެ ފަރިތަކުރުންތައް ވެސް ފޯރިއާއެކު އަލިފުށީގައި

މާދަމާ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ވެލެންސިޔާގެ ފަރިތަކުރުންތައް ރ. އަލިފުށީގައި ކުރިއަށް އެބަދެއެވެ. މިއަހަރުގެ މުބާރާތް ފެށިގެން ފޯރިއާއެކު ކުރިއަށް ދިޔައިރު، ކްލަބް ވެލެންސިޔާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ފަހު މެޗުގައި މާޒިޔާ ބަލިކޮށް، މުޅި މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ. މުބާރާތުގައި ވެލެންސިއާ ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. ފައިނަލަށް ވެލެންސިއާ ދަތުރުކޮށްފައިވަނީ ޕޮއިންޓް ތާވަލްގެ އެއްވަނައިގެ ޓީމުގެ ގޮތުގައި 19 ޕޮއިންޓާއެކުގައެވެ. މިއީ 14 އަހަރު ތެރޭގައި ވެލެންސިއާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ފެންނާނެ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލަށް މާޒިޔާ ދަތުރުކޮށްފައިވަނީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނަ ޖާގަ ހޯދައިގެންނެވެ. ތާވަލްގެ ދެވަނަ ޖާގަ މާޒިޔާއަށް ކަށަވަރުވީ ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށްވުރެ ފައިދާ އެއް ގޯލުގެ ތަފާތުންނެވެ. މުބާރާތުގައި މާޒިޔާ ފަސް މޮޅު ހޯދާފައިވާއިރު، އެ ޓީމު ވަނީ ދެ މެޗުން ބަލިވެފައެވެ. އެއީ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ އަތުންނެވެ. މިއީ 2015ގެ ފަަހުން މާޒިޔާ ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ. ފައިނަލް މެޗަށް ވެލެންސިއާއިން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން -- ފޮޓޯ / ޕްރެޒިޑެންޓްސް ކަޕް ޝަރަފުވެރި މި މުބާރާތުގެ ފައިނަލް މެޗަށް ޓްރޮފީއާއެކު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްވެސް ވަނީ މިއަދު ހަވީރު އަލިފުއްޓަށް ވަޑައިގެންފައެވެ. އޭނާއަށް އަލިފުށިން މަރުޙަބާ ދަންނަވާފައިވަނި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. މިއިީ އަތޮޅު ތެރޭގައި ނެތެމުންދާ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ފެށުމެއް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ. އަދި މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގައި އަޅާ ޓާފު ދަނޑުތަކުގައި ގައުމީ މުބާރާތްތަކުގެ މެޗުތައް ކުޅުމުގެ ތަސައްވަރުގެވެސް ފެށުމެއްކަމަށް އޭނާ ވިދާޅުވިއެވެ. ޕްރެސިޑެންޓްސް ކަޕްގެ ފައިނަލްގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހަވީރު 16:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ