ކޮރަޕްޝަނާއި ދުރުވެ، ކުލައަކަށް ނުބަލާ ޚިދުމަތްދެއްވާ: މިނިސްޓަރު ސަމީރު

ހުރިހާ މުވައްޒަފުންވެސް ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުން ދުރުވެތިބެ، ކުލައަކަށް ބެލުމެއްނެތި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ގޮވާލައްވައިފިއެވެ.
މިނިސްޓަރު ސަމީރު މިކަމަށް ގޮވާލެއްވީ ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުމުގެ "އަހުދުނާމާ"ގައި ސޮއިކުރަން ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ ސްޓެލްކޯއިން އިސްނެގި އިސްގެނުން ނަމޫނާއަކަށް ބައްލަވާ، ހުރިހާ ކުންފުނިތަކާއި، އިދާރާތައް އަދި މުއައްސަސާތަކުންވެސް ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުމުގައި ބައިވެރިވެދެއްވުމަށް ގޮވާލައްވާފައެވެ. މިނިސްޓަރު ސަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާއި ފަސާދައިން ގައުމު ސަލާމަތްކުރުމުގެ ވަރުގަދަ ވައުދާއެކުކަމަށެވެ. އެކަންކަން ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ފައްޓަވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެ މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިިކުފާނުގެ ނާއިބް އަދި ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރައްވާފައިވާކަމަށެވެ.
މީގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ހުރިހާ ބޭފުޅުންގެވެސް މާލީ ބަޔާންތައް އާންމުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށާ މިއީ ކޮރަޕްޝަނާއި ހިޔާނަތް ހުއްޓުވުމުގެ ބޭނުމުގައި ކުރަން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެއްކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ އެއްވެސް ކުންފުންޏެއްގައި އަދި އިދާރާއެއް ނުވަތަ މުއައްސަސާއެއްގައި ޚިޔާނާތުގެ އެއްވެސް އަމަލެއް ހިނގާކަން އެނގޭނަމަ އެކަންކަން ސިއްރުނުކޮށް ކަމާބެހޭ މުއައްސަސާތަކަށް ހުށައެޅުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެ މުއައްސަސާތަކުން އެ މައްސަލަތައް ނުބަލައިފިނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެފަދަ މައްސަލަތަކަށް ޚާއްސަކޮށްގެން ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ޕޯޓަލްއަށް އެ މައްސަލަތައް ހުށައެޅުމަށް އެދިވަޑައިގަންނަވާކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި ދެންނެވި ޕޯޓަލްގެ އިފްތިތާހުކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސަމީރު ވިދާޅުވީ ޚިދުމަތް ދިނުމުގައި އެއްވެސް ރައްޔިތަކަށް ތަފާތުކުރުން ގެންގުޅެގެން ނުވާނެކަމަށެވެ. އެގޮތުން ސިޔާސީ ފިކުރަކަށް، އެމީހަކު ނިސްބަތްވާ ކުލައަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށްވެސް ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ސްޓެލްކޯގައި 20 އަހަރު ޚިދުމަތްކުރައްވާ، އެ ކުންފުނީގެ ވަރަށް އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ ސަމީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ކުންފުނީގެ އިސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކަރަންޓްގެ އަގު ހެޔޮކުރުމަށް މިހާރު ޑީސަލް ގަންނަ ކުންފުނިތަކުން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި އެކަންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކޮށްދެއްވުމަށް ސަމީރު އެދިވަޑައިގަތެވެ.
ސްޓެލްކޯގެ ތެރޭގައި ހިންގާ ޚިޔާނާތުގެ އަމަލުތައް ރިޕޯޓްކުރުމަށް ހިތްވަރުދީ، އެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތައް ހިމާޔަތްކޮށް ރަޕްޝަނާއި ހިޔާނަތް ހުއްޓުވުމުގެ "އަހުދުނާމާ"ގައި ސްޓެލްކޯގެ އިސްވެރިން ސޮއިކޮށްފައިވާއިރު، ކުންފުނީގެ 1000 މުވައްޒަފުން "އަހުދުނާމާ"ގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ