ރައީސް ޔާމީން ސަރުކާރުން އުސްގެކޮޅު ހުރީ 12 އަހަރަށް ކުއްޔަށް ދީފައި

ކުރީގެ ރަސްރަސްކަލުން ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރި ސަލްޓަން ޕާކް ތެރޭގައި ހުރި ކުރީގެ ދާރުލް އާސާރު (އުސްގެކޮޅު) ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 އަހަރަށް ކުއްޔަށް ދީފައި ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުރީގެ ސަރުކާރުން އުސްގެކޮޅު 12 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި އޭރު ސަރުކާރުން އުސް ގެކޮޅު އެހެން ތަނަކަށް ބަދަލު ކުރެއްވުމުގެ ވިސްނުމެއްވެސް ގެންގުޅުއްވި ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އުސްގެކޮޅު ކުއްޔަށް ދޫކޮށްފައި ވަނީ އޭރު ހައުސިން މިނިސްޓްރީގެ ތެރެއިންނެވެ. ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުވެސް ވަނީ އުސްގެކޮޅު ކުއްޔަށް ދޫކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.
ކުރީގެ ސަރުކާރުން ރެސްޓޯރެންޓެއް ހެދުމަށް އުސްގެކޮޅު އެއްވެސް އިއުލާނެއް ކުރުމެއްނެތި ބަޔަކަށް ކުއްޔަށްދީފައިވާ ކަމަށް އޭރުވެސް މީހުން ބުނަމުންދިޔައެވެ. އެހެން ނަމަވެސް އޭރު އެކަމަށް ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެއެވެ.
އުސްގެކޮޅަކީ އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ (ހާޖީ އިމާދުއްދީން) ރަސްކަމުގައި ބިނާކުރެވުނު ގެކޮޅެކެވެ. އެރަދުންގެ ރަސްކަން ނިމުނީ 1903 ގައެވެ. އުސްގެކޮޅު ބިނާ ކުރެއްވީ އެރަދުން މިސްރުން ކައިވެނިބައްލަވައިގެންނެވި އަނބިކަނބަލުން ގެންނެވުމަށްޓަކައެވެ. އެހެން ނަމަވެސް 1903 ގައި ކައިވެނިބައްލަވައިގެންނެވިތަނާހެން އޭރު ހާޖީ އިމާދުއްދީންގެ ރަސްކަން ބަދަލުވެގެންދިޔައެވެ.
އޭގެ ފަހުން ރަސްކަމުގައި އުޅުއްވި ބައެއް ބޭފުޅުން އުސްގެކޮޅު ބޭނުންކުރެއްވިއެވެ. އެންމެ ފަހުން އުސްގެކޮޅު ބޭނުން ކުރެވުނީ ދާރުލްއާސާރުގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ