ބޮޑެތި ގޯސްތަކެއް އަޅުގަނޑު ހަދާނެ ކަމަށް މީހުން ވިސްނުމަކީ ގޯސްކަމެއް: ޔާމީން

ވެރިކަމުގައި ހުރެގެން ބޮޑެތި ގޯސްތަކެއް އެމަނިކުފާނު ހަދާނެ ކަމަށް މީހުން ވިސްނުމަކީ ގޯސްކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ. އެކައުންޓުގައި ފައިސާތަކެއް ހުރި މައްސަލާގައި ޔާމީން ވަނީ މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ހަމަ އެމައްސަލާގައި މީގެ ކުރިންވެސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި އެވެ. މިއަދު ފުލުސް އޮފީހުން ނުކުމެ ވަޑައިގެން މީޑިއާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މިދިޔަ ނޮވެމްބަރުގެ 17 އާ ހަމައަށް ރާއްޖޭގެ ގާނޫނު ތަންފީޒު ކުރާ އެންމެ އިސްމީހާގެ މަގާމުގައި ހުރި މީހާ ކަމަށެވެެ. އެހެންވީމަ އެކަހަލަ ބޮޑެތި ގޯސްތަކެއް ހަދާފާނެ ކަމަށް ވިސްނުމަކީ ގޯސްކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. "މިކަހަލަ ބޮޑެތި ގޯސްތަކެއް އަޅުގަނޑު ހަދާފާނެ ކަމަށް މީހުން ވިސްނުމަކީވެސް ގޯސްކަމެއް. އެއީ ހަމަ މުޅިން ގޯސް ވިސްނުން،" ޔާމީން ވިދާޅުވި އެވެ. ނަމަވެސް ސިޔާސީ މީހަކަށް ވާތީ ދަތި އުފުލަންޖެހޭ ވަރަށް ގިނަ ކަންކަން ކުރިމަތިވާނެކަން އެނގޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އެކަހަކަލަ ކަންތައްތައް ކުރިމަތިވުމަކީ ދެރަކަމެއް ކަމަށްވެސް ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ ސަރުކާރުންވެސް ތަންކޮޅެއް ތަސަރައްފު ފުދިގެން ކަންކަން ކުރަން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުވެސް ހިނގާދިޔައިރު މީހުން ބޮޑެތި ޖަރީމާ ހިންގިއްޔާ ނޫނީ ތަހުގީގަށް ހާޒިރު ނުކުރާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަަލަތަކުގެ ތެރޭގައި ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ދިވެހި ރުފިޔާއެއް ފުލުހުން ވަނީ ފްރީޒް ކޮށްފަ އެވެ. ފުލުހުން ބުނެފައިވަނީ އެއީ ފުލުހުން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. ޔާމީން ވިދާޅުވީ އޭނާގެ އެކައުންޓުގައި ވަކިވަރަކަށް ފައިސާ ހުރުން އެއީ ކުށެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެއީ އޭނާއަކީ ސިޔާސީ މީހަކަށް ވެފައި ޕާޓީއެއްގެ ލީޑަރަކަށް ވުމުގެ އިތުރުން ކެމްޕެއިނުގައިވެސް ފައިސާ ހޯދަމުންދާ މީހަކަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. "އެ ފައިސާއަކީ ޖާއިޒް ނޫން ފައިސާތޯ ތުހުމަތުކުރާ ބަޔަކު އޭސީސީ ވިޔަސް އަދި އެމްއެމްއޭވިޔަސް އަދި އެހެން ތަނަކުންވިޔަސް ތުހުމަތު ކުރީމަ އެ ތުހުމަތުގެ މައްސަލައެއް އަޅުގަނޑާ ހަމައަށް އައިއްސި ކަމަށް ވަންޏާ އެ ތުހުމަތުން ބަރީއަތް ވުމަށް އަޅުގަނޑު ކުރަން ޖެހޭ މަސައްކަތް ވަރަށް ސާފު،" ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވާ ގޮތުން މިއަދުވެސް ފުލުހުން ސުވާލުކުރެއްވީ އެސްއޯއެފްގެ އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ. އަދި ވިދާޅުވީ އެ ފައިސާއަކީ އޭސީސީއާ އެކު އެގްރިމެންޓެއް ހެދި އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ފައިސާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ