ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނެ ބިދޭސީންތަކެއް އިމިގްރޭޝަން ދޮށަށް އެއްވެއްޖެ

އެނބުރި ގައުމަށް ދިޔަނުދީ އިމިގްރޭޝަނުން ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ބުނެ ބިދޭސީންތަކެއް ގާޒީ ބިލްޑިން ދޮށަށް މިއަދު އެއްވެއްޖެ އެވެ. އިމިގްރޭޝަން އޮފީސް ހުންނަ ގާޒީ ބިލްޑިން ދޮށަށް އެއްވި ވިއްސަކަށް ބިދޭސީން ބުނަމުން ދިޔައީ މަސައްކަތުގެ ކޮންޓްރެކްޓު ހަމަވެ އެނބުރި ގައުމަށް ދާން ބޭނުންވި ނަމަވެސް އިމިގްރޭޝަނުން އެކަމަށް ހުރަސް އަޅާ ކަމަށެވެ. އަދި އެ ތަނުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ، ފުރެން ނެތް ކަމަށް އެމީހުން ބުންޏެވެ. "މިތަނުގައި ދެން މަސައްކަތެއް ނެތް. އެހެންވެ ރަށަށް ދާން ބޭނުން ވަނީ. އެކަމަކު އިމިގްރޭޝަނުން ޕާސްޕޯޓެއް ނުދިން،" އެއްވި މީހުންގެ ތެރޭގައި ހުރި ބިދޭސީއަކު ބުންޏެވެ. އޭނާ ބުނީ އިމިގްރޭޝަނުން ޕާސްޕޯޓު ދޭނެ ކަމަށް ކޮންމެ ދުވަހަކު ވެސް ބުނާ ކަމަށާއި ނަމަވެސް ޕާސްޕޯޓު ހޯދަން ދިޔުމުން ފޮނުވާލަނީ ކަމަށެވެ. "އެމީހުން އަބަދު ބުނަނީ މާދަން އަންނާށޭ." އެއްވި މީހުންނަށް ފާރަވެރިވެގެން ހުންނެވި އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، ޕާސްޕޯޓް ހޯދަން އެތަނަށް އެއްވި ތިބި އެންމެންނަކީ ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުން ކަމަށާއި އެ މީހުންގެ މަގްސަދަކީ ވިސާ ފީ އާއި އެހެނިހެން ލިޔުންތައް ސަރުކާރަށް ނުދައްކާ ފިލައިގެން އެނބުރި ގައުމަށް ދިޔުން ކަމަށެވެ. "އެމީހުން ރާއްޖެ އެތެރެ ކުރި އެޖެންޓުންނަށް ފިލުމުން އެމީހުންގެ ޕާސްޕޯޓުތައް އަޅުގަނޑުމެންނާ އެޖެންޓުން ހަވާލު ކުރާނެ. ދެން އެކި ތަންތަނުގައި ފިލައިގެން މަސައްކަތްކުރުމަށް ފަހު މަސައްކަތެއް ނެތީމަ ފުރަނީ. އެކަމަކު އެ މީހުން މީރާ އަށް އަދި ސަރުކާރަށް ވެސް އެއްވެސް ފައިސާއެއް އަދި ބޭނުންވާ ޑޮކިއުމެންޓްތަކެއް ދައްކާފައެއް ނޯވޭ. އެހެންވެ އެމީހުންނަކަށް ޕާސްޕޯޓެއް ދުލެއް ނުކުރެވޭނެއެއް ނޫންތޯ؟" އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އާއި ހުރިހާ ލިޔެކިޔުންތަކެއް ހަމައަށް ދެއްކުމުން އެމީހުންނަށް ޕާސްޕޯޓް ދޫކުރާ ކަމަށެވެ. ނަމަވެސް އެކަން ކުރަނީ ނަމްބަރު ދޫކޮށްގެން، ވަކި އަދަދެއްގެ މީހުންނަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. "ކޮންމެ ދުވަހަކު ވެސް މިގޮތަށް އެއްވޭ. އެކަމަކު މިއަދު އާދީއްތަ ދުވަސް ވުމުން މީހުން ގިނަވެފައި މި އޮތީ. ނަމްބަރު ދޫކުރުން ހަމަވެފައިވާ ކަން އެންގި ނަމަވެސް އެމީހުން އެތަނުގައި ހަމަ އެ ތިބެނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ