މަސްތުވާ ތަކެތި ފެނުނު ބޯޓުގައި އުޅެނީ ހުސް އިންޑިއާ މީހުން: ކަސްޓަމް

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ގަނެފައިވާ \"ސިލްވަރ ކްލައުޑް\" ބޯޓުގައި ފަޅުވެރިންގެ ގޮތުގައި އުޅުނީ ހުސް އިންޑިއާ މީހުން ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރ ހުސައިން ޝާޒް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހެދުނުއްސުރެ ރޭ ފަތިހާއި ހަމައަށް ހިންގި އޮޕަރޭޝަނުގައި މިހާތަނަށް 10 ކިލޯއެއްހާ މަސްތުވާ ތަކެތި އަތުލައި ގަނެފައިވާކަމަށެވެ.
ޝާޒް ވިދާޅުވީ މި ބޯޓު މީހާރު ވަނީ ވަގުތީ ގޮތުން ކަސްޓަމްސްއިން ހިފަހައްޓާފައި ކަމަށެވެ. އަދި މި ބޯޓުގައި ފަޅުވެރިންގެ ގޮތުގައި އުޅުނު އަށް އިންޑިއާ މީހުންވެސް މިހާރު ފުލުހުންނާއި ހަވާލު ކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހަޝިޝް އޮއިލް އާއި ހެރޮއިން ކަމަށްވެސް ޝާޒް ވިދާޅުވިއެވެ. ޝާޒް ވިދާޅުވީ މި ބޯޓަކީ ރާއްޖެއަށް އާންމުކޮށް އަންނަ ބޯޓެއް ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށް ދާތީ މި ބޯޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލާގައި މިހާތަނަށް ހަތަރު ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލާގެ އިތުރު ތަފްސީލް ތަހުގީގު ކުރިއަށް ދިއުމުގެ ސަބަބުން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ