އަވަސް އިންތިހާބަކަށް ގޮވާލާ އެމްޑީޕީން ރޭ ވެސް މުޒާހަރާކޮށްފި

އަވަސް އިންތިހާބަކަށް ގޮވާލާ އެމްޑީޕީން ރޭ ވެސް މުޒާހަރާކޮށްފިއެވެ.
9:45 ވީ އިރު އުސްފަސްގަނޑުން ފެށި މިމުޒާހަރާގައި ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކުގެ އިތުރުން އެޕާޓީއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ އާއްމުންވަނީ ބައިވެރިވެފައެވެ.
އުސްފަސްގަނޑުން ފެށި މުޒާހަރާ ނިންމާލާފައިވަނީ މާލެ ތެރެއަށް އަރާ މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް މުޒާހަރާ ކުރުމަށްފަހުއެވެ. މުޒާހަރާގެ ބައިވެރިން އޯކިޑް މަގުން ގޮސް ރައީސް ޑރ.ވަހީދު ދިރިއުޅުއްވާ ގެކޮޅާ ހަމައަށް ދިޔަތަނާ ސިފައިންވަނީ އެސަރަހައްދު ބަންދުކޮށްލާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން އެމްއެމްއޭއާއި ހަމައަށް ދިޔަ އިރު ފުލުހުންވަނީ ޖުމްހޫރީ މައިދާނަށް ދެވެން އޮންނަ މަގުތައް ވެސް ބަންދުކޮށްފައެވެ.
ރޭގެ މުޒާހަރާ ނިންމާލާފައިވަނީ 11:30 އެހާކަށްހާއިރު އުސްފަސްގަނޑުންނެވެ.
މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ފަރީދީ މަގުން ކުރިއަށް ދަނިކޮށް އެސަރަހައްދުގެ ގެޔަކުންވަނީ މުޒާހަރާގެ ބައިވެރިން ގަޔަށް ފެންޖަހާފައެވެ. ނަމަވެސް އެސަރަހައްދުގައި ވެސް މާބޮޑު ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ