ރާއްޖެ އައި އޮސްޓްރޭލިއާ މީހެއްގެ އަތުން 4 ކިލޯގެ ޑްރަގު އަތުލައިގަނެފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އޮސްޓްރޭލިއާ ފިރިހެނެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
އުމުރުން 66 އަހަރުގެ އެ މީހާގެ އަތުން 4.67 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވެއެވެ. އޮކްޓޯބަރު އެއް ވަނަ ދުވަހު ރާއްޖެ އައި އެ މީހާއާ މެދު ޝައްކު ކުރެވިގެން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ ލަގެޖުގެ ތެރެއިންނެވެ.
އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަތުލައި ގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 16،327،913 ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި މައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައެވެ.
ކަސްޓަމްސް އިން ބުނީ މިއަހަރުގެ މިހާތަނަށް ޖުމްލަ 33.16 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ