ޝަހިންދާ މަރާލަން އިންޒާރުދިން މީހަކު ހައްޔަރުކޮށްފި

އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ތައްޔާރު ކުރުމަށް އިސްކޮށްއުޅުއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް(އެމްޑީއެން)ގެ އެގްޒެކިއުޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލްއަށް މަރުގެ އިންޒާރުދީގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި މީހުންނަށް އިންޒާރުދީ މުޖުތަމައުގައި މީހުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިވުމަށް ހިތްވަރުދިނުމަށް ހެދި މައްސަލައިގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ޒުވާނެެކެވެ. ސޯޝަލް މީޑިއާގައި ދައުރުވި ޓުވީޓުތަކުން އެނގޭ ގޮތުގައި އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ ޝަހިންދާއާ ގުޅޭގޮތުން މީހަކު ކުރި ޓުވީޓެއް، "މަރާލަން ފަހެއް ނުޖެހޭނަން" ކަމަށް ބުނެ އެ ޓުވީޓު ރީޓުވީޓުކޮށްގެންއެވެ. ދާދި ފަހުން ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޝަހިންދާއަށް އިންޒާރުދީގެން އިތުރު މީހަކުވެސް ދާދި ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އެމްޑީއެންގެ ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ އުވާލައި އަދި ރިޕޯޓް ލިޔުން ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެދި ފަހަކަަށް އައިސް ދަނީ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެވެސް މާލެއާއި އަތޮޅުތަކުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތަކެއް ވަނީ ބާއްވައިފައެވެ. އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު އެ ރިޕޯޓް އިލްމުވެރިންގެ ކޮމެޓީއަކުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ