ކޮންފިޑެންސް ލިބޭނީ ކުރިއަށް އޮތް މެޗުން މޮޅުވެގެން: ސެކުލޮސްކީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި އީގަލްސް އަތުން ބަލިވެފައި އޮތުމުން، ކޮންފިޑެންސް އަނބުރާ ގެނެވޭނީ ކުރިއަށް އޮތް މެޗުން މޮޅުވެގެން ކަމަށް އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ. މާޒިޔާ އިން ސީޒަނުގެ ހުރިހާ މެޗަކުން ބަލިނުވެ އައުމުގެ ރެކޯޑަށް އީގަލްސް އިން ނިމުން ގެނެސް ރޭގެ މެޗުން ވެސް ދަ ގްރާންޑޭ ބަލިކޮށް އެ ޓީމުން ވަނީ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. އެހެން ކަމުން މިއަދު މާޒިޔާ އާއި ނިލަންދޫ ބައްދަލު ކުރާ މެޗަކީ މާޒިޔާއަށް ލީޑު ފުޅާކޮށް ހިންދަމާލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ. "ކުރިއަށް އޮތް މެޗު ވަރަށް މުހިއްމު. އެންމެ ފަހުން ކުޅުނު މެޗުގައި ބަލިވުމުން މި މެޗުން މޮޅުވެގެން ކޮންފިޑެންސް ރަނގަޅު ކުރެވޭނީ. އެހެންވެ އެ މެޗުން ގިނަ ގޯލުތަކެއް ޖެހުމެެއް ވުރެން މުހިއްމީ ތިން ޕޮއިންޓް ހޯދައި މޮޅުވުން." މިއަދުގެ މެޗުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސެކުލޮސްކީ ބުންޏެވެ. އޭނާ ބުނީ ބައެއް މެޗުތަކަކީ 15 ފުރުސަތުން 15 ގޯލު ޖެހިދާނެ މެޗުތަކެއް ކަމަށެވެ. ނަމަވެސް އަނެއްބައި މެޗުތަކުގައި ކިތަންމެ ގިނަ ފުރުސަތެއް ލިބުނު ނަމަވެސް ގޯލެއް ނުޖެހިދާނެ ކަމަށެވެ. އެހެން ކަމުން ލީގުގެ ފުރަތަމަ ބުރުގައި ނިލަންދޫ ކޮޅަސް 13 ގޯލު މާޒިޔާއިން ޖެހި ނަމަވެސް އެކަން އަލުން ތަކުރާރު ނުވުމަކީ ވެދާނެ ކަމެއް ކަމަށެވެ. އަދި އެ ޓީމުގެ ހާލަތު އޭރާ ބަލައި އިރު މުޅިން ތަފާތު ކަން ވެސް ކޯޗު ވަނީ ފާހަގަ ކޮށްފަ އެވެ. ނިލަންދޫއާ ދެކޮޅަށް ކުރިން ކުޅުނު މެޗުގައި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަދި އެންމެ ފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހަސަން ނާއިޒް (ދާދު) އަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެހެން ކަމުން މިއަދުގެ މެޗުގައި ދާދު ވެސް ނުފެންނާނެ އެވެ. ސެކުލޮސްކީ ބުނީ އެ ކުޅުންތެރިން އަލުން ކުޅެން ނެރެންޖެހޭނީ 100 ޕަސެންޓް ފިޓްކޮށް ހުރެ ކަމަށެވެ. ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުރީ މެޗާއި އަޅައި ބަލާ އިރު ޓީމަށް ބިދޭސީ ކުޅުންތެރިން އިތުރުވި ނަމަވެސް ހަގީގަތުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ. "މި ވަގުތު އޮތް ހާލަތަށް ވިސްނާއިރު ބޭރު ކުޅުންތެރިންތަކެއް ޓީމާ ގުޅުނު. ދެން އެއާ އެކު ކުޅުމުގެ ސްޓައިލާއި ޕާފޯމަންސަށް ބަދަލެއް އައި. އެކަމަކު އަޅުގަނޑު އުއްމީދުކުރި ވަރުގެ ކުރިއެރުމެއް އެ އަކުން ނުފެނުނު. އެއް ކަމަކީ ލޯކަލް ޕްލޭޔަރުންގެ ކޮމިޓްމަންޓް އެ ވަރަކަށް ނޫން ހުރީ. އެހެންވީމާ ނުކުންނަން ޖެހޭ ވަރުގެ ނަތީޖާއެއް ނުނިކުމޭ." ފެސްކޯ ބުންޏެވެ. ފެސްކޯ ބުނީ ޓީމަށް މިވަގުޔު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޕްރެކްޓިހަށް ކުޅުންތެރިން ހަމަނުވުން ކަމަށެވެ. އެހެން ކަންތައް ވަނީ ކުޅުންތެރިންގެ ވަޒީފާގެ ކަންކަން ހުރި ގޮތުން ކަމަށާއި އެކަންކަން ހައްލު ކުރުމަށް މެނޭޖްމެންޓާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ. ނިލަންދޫ މިވަގުތު އޮތީ ތާވަލުގެ އެންމެ ފަހަތުން ދެވަނައިގަ އެވެ. އެ ޓީމުން މިހާތަނަށް 10 މެޗު ކުޅުނު އިރު ލިބުނީ ހަތް ޕޮއިންޓެވެ. އަދި 23 ގޯލު ގެއްލުމުގައި އަދި ވެސް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ