އަރަބި ކަނޑުގައި އުފެދުނު ސައިކްލޯނަކަށް ދިވެހި ނަމެއް!

އަރަބި ކަނޑުގުގެ އުތުރުގައި އުފެދުނު ބާރުގަދަ ސައިކްލޯނަކަށް ދިވެހި ނަމެއް ކިޔައިފި އެވެ. އަރަބި ކަނޑުގައި އުފެދި، މަޑު މަޑުން ހުޅަނގަށް ދަތުރު ކުރަމުންދާ ސައިކްލޯނަށް ކިޔާފައިވާ ނަމަކީ "ހިކާ"އެވެ. މިއީ ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ނަމެކެވެ. މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ތޫފާނުތަކަށް ނަން ދޭން ލިސްޓެއް ކޮންމެ ގައުމަކުން އޮންނަނީ ދުނިޔޭގެ މޫސުމާ ބެހޭ މަރުކަޒަށް ދީފައެވެ. އަދި ތޫފާންތަކަށް ނަން ދެނީ އެ ލިސްޓުގައި އޮންނަ ތަރުތީބުންނެވެ. ހިކާގެ މާނަ ދިވެހި ބަހުގެ ރަދީފުން: ފަޅުތެރޭގައި އުޅޭ ކުޑަވަރެއްގެ މަހެއް. މީގެ ކިތަންމެ ބާވަތެއް ހުރެއެވެ. މިއީ ބޮނޑިމަސް ކޮށްހުންނަ ފެހިކުލައިގެ މަހެކެވެ. ބޮޑުމިނަކީ، ދެއިންޗިބައި، ތިން އިންޗިއެވެ. މެޓް އޮފީހުން ބުނި ގޮތުގައި ތޫފާން ހިކާގެ އެވަރެޖު ވައިގެ ބާރުމިން ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް އަރާނެ އެވެ. އަދި އެ ތޫފާން އިތުރަށް ބާރުގަދަވެ ހުޅަނގަށް އޯމާންއާ ދިމާލަށް ދަތުރުކުރާނެކަމަށް ބުންޏެވެ. ތޫފާން ހިކާގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އިންޑިއާ ކަނޑުގެ އުތުރުގައި މީގެ ކުރިންވެސް އުފެދުނު ބައެއް ތޫފާންތަކަށް ދިވެހި ނަންތައް ކިޔާފައި ވެއެވެ. އޭގެ ތެރޭގައި މެކުނު، ރޯނު، މަޑި، ގޮނު އަދި ހިބަރު ފަދަ ނަން ނަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ