ހާރިޖިއްޔާގެ ދަތުރުތަކަށް ޔާމީން ސަރުކާރުން ކުރި ހަރަދާއި ގާތަށް ވެސް މި ސަރުކާރުން ހަރަދެއް ނުކުރޭ: ޝާހިދު

ހާރިޖިއްޔާގެ ދަތުރުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން މިދިޔަ އަހަރު ހަރަދުކުރި ވަރާ ގާތަށްވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަރަދުކޮށްފައި ނުވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރުގެ ތެރޭގައި ހާރިޖިއްޔާގެ ބަޖެޓުން 27 މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި 2018 ވަނަ އަހަރު ހަވާލުވެވަޑައި ގަތުމާއި ހަމައަށް ހާރިޖިއްޔާއިން ދަތުރުތަކަށް ކޮށްފައިވާ ހަރަދުކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި މި ސަރުކާރުގެ ހާރިޖިއްޔާއިން މިހާތަނަށް ހަރަދު ކޮށްފައިވާ ކަމަށް ލަފާ ކުރެވެނީ 27 މިލިއަންގެ ބައިކުޅަ ބައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޓެކްނިކަލް ފެންވަރުގެ ބޭފުޅުންނަކީ ވެސް އެބޭފުޅުންނަށް ބޭނުންވާ ތަޖުރިބާގެ އިތުރުން މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ހޯދައިދޭން ޖެހޭނެ ބޭފުޅުން ކަމަށެވެ.
އަދި ހާރިޖީ ވުޒާރާގެ ދަތުރުގެ ހަރަދު ބަލާފައި ވަނީ އެބޭފުޅުންގެ ދަތުރު ތަކާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އަޅުގަނޑުމެންގެ އެހުރިހާ ދަތުރަކަށްވެސް އަދި 27 މިލިއަނާއި ގާތަށްވެސް ދާނެހެން ހިއެއްނުވޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޭގެ ބައިކުޅަބައެއް ހާރިޖީއަށް ހަރަދުވެ އޮންނާނީ. އަދި އަޅުގަނޑު ކުރި ދަތުރުތަކަށް އޭގެ ބައިކުޅަ ބައިގެ އެތައް ގުނައެއް ކުޑަކޮށް އޮންނާނީ ހަރަދުވެފަ''
މިހާރުގެ ސަރުކާރުން ހާރިޖީ ދަތުރުތަކަށް ކުރާ ހަރަދުތައް ގިނަ ކަމަށް ދައްކާ ވާހަކަތަކައް ރައްދުދެވައި، ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރިން ހާރިޖީ ވަޒީރުގެ މަގާމާއ ހަވާލުވެ ވަޑައިގެން ތިއްބެވި ބޭފުޅުން ކުރައްވާ ކަންކަން ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ކުރައްވާ ހުރިހާ މަސައްކަތެއް އަމިއްލަ ފުޅަށް ނުވަތަ ހާރިޖީ ވުޒާރާ މެދުވެރިކޮށް އާންމުންނަށް އަންގަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރުވެސް ބަޖެޓު ފެންނަން އޮންނާނެ ކަމަށާއި، ކުރީ ސަރުކާރާއި މިސަރުކާރުގެ ބަޖެޓު އަޅަ ކިޔުމުން އެނގޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުގެ ފަސް އަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބުނީ 1.5 ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ފުރަތަމަ ތިން މަސް ތެރޭގައިވެސް އެއަށްވުރެ ގިނައިން ހިލޭ އެހީ ހޯދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ގާތްގަނޑަކަށް 2 ބިލިއަނާ ގާތް ކުރާ އަދަދަކަށް މި ސަރުކާރުގެ ފުރަތަމަ ތިންމަސް ދުވަހު ހިލޭ އެހީ ހޯދާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ