"ވިޔަވަތި ރާއްޖެ" 2 ވަނަ އަދަދު އއ. އުކުޅަހުގައި ބާއްވަނީ

ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަގޮތުގައި ހިންގުމާއި ގުޅޭގޮތުން ބާއްވާ ކޮންފަރެންސް "ވިޔަވަތި ރާއްޖެ" ދެވަނަ ކޮންފަރެންސް އުކުޅަހުގައި ބާއްވަން ހަމަޖައްސާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލާމަރުކަޒީ ރާއްޖެ މި ޝިއާރުގެ ދަށުން، "ވިޔަވަތި ރާއްޖެ" މި ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސްގެ 2 ވަނަ ސެމިނަރ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އއ. އުކުޅަހުގައި ކަމަށެވެ.
މިފަހަރުގެ ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގައި ހިމެނޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އއ. އުކުޅަހުގައެވެ.
މި ސެމިނަރ ފައްޓަވައިދެއްވާނީ ރައީސުލްޖުމްހުއްރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވާ މި ސެމިނަރގެ 2 ވަނަ ކޮންފަރެންސްގައި ލާމަރުކަޒީ ޤާނޫނު ހިންގުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރަން ވަނީ ހަމަޖެހިފައެވެ.
މިއީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތައް ހިމެނޭ ގޮތަށް ކްރޮސްރޯޑުގައި ބޭއްވި "ވިޔަވަތި ރާއްޖެ" ގެ ދެވަނަ ކޮންފަރެންސެވެ. ފުރަތަމަ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ކޮންފަރެންސްގައިވެސް ރާއްޖޭގައި ލާމަރުކަޒީ ނިޒާމް އޮތް ހާލަތާއި އެ ނިޒާމް ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހުނު ސަބަބާއި ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު ކައުންސިލްތައް ބާރުވެރި ކުރެވިގެންދާނެ ގޮތް ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދީ އެކި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.
މި ސެމިނަރތަކުގައި ވަޒީރުންނާއި ކަމާއި ގުޅުންހުރި ތަޖުރިބާކާރުން މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ