މިހާރު ތަހްޤީޤު ހިންގަމުންދާ މައްސަލަތަކުގައި އެއްވެސް ބުރަދަނެއްނެތް- ރައީސް ޔާމީން

ފުލުހުންގެ އިދާރާއަށް އެމަނިކުފާނު ޙާޒިރުކޮށް މިހާރު ތަހްޤީޤު ހިންގަމުންދާ މައްސަލަތަކުގައި އެއްވެސް ބުރަދަނެއް އޮތްކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުގައި އެ މައްސަލައިގެ ތަހުޤީޤަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށްފަހު ގާތްގަނޑަކަށް 4 ގަޑިއިރު ފަހުން ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން އެމަނިކުފާނުގެ ގެކޮޅު ކުރިމަތީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް މިއަދު ސުވާލުކުރީ އޭސީސީގެ ބެލުމުގެ ދަށުން އުފެއްދި އެމަނިކުފާނުގެ ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ އޭސީސީއާއެކު އެއްބަސްވި ގޮތާ ޚިލާފަށްކަމަށް ބުނެ އޭސީސީން ކުރާ ތުހުމަތުތަކާ ގުޅިގެންކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް އެކައުންޓަކުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަށް އިޝާރަތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިދިޔަ ނޮވެންބަރު މަހުގެ ސަތާރަވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ޤާނޫނު ހިންގާ އިސްބޭފުޅެއްގެ ގޮތުގައި ހުނެވި ބޭފުޅަކު އެފަދަ ކަމެއް ކޮށްފާނެކަމަށް ޤަބޫލުކޮށްގެންވެސް ނުވާނެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު އޭސީސީއާއެކު އެ ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް އެކުލަވާލާ އެސްކްރޯ އެކައުންޓެއް ހުޅުވިކަމަށާއި، އެ އެއްބަސްވުމާއި އެއްގޮތަށް ޖޫން މަހު ފައިސާ ޖަމާކޮށްފައިވާނެކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް އެ ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަމަށް އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނުވާކަމަށާއި، އެހެންކަމުން އެ ފައިސާ އޭސީސީއާއި ހަވާލުކުރަންޖެހޭކަމަށް ދެކެވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އޭސީސީގެ އެދުމުގެ މަތިން އެތަނުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ، އޭސީސީން ބުނި ގޮތާއި ޚިލާފަށްކަމަށް އޭސީސީގެ ފަރާތުން ފުލުހުންނަށް މަޢޫލޫމާތުދީފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ޤާނޫނާ ޚިލާފު ފައިސާއެއްކަން އޭސީސީން ސާބިތުކުރަންޖެހޭކަމަށާއި، އެ ފައިސާ ޖަމާކުރީ އޭސީސީން ބުނިގޮތާ ޚިލާފަށް ކަމަށްވާނަމަ ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް އެކަން އަންގާފައި ނުވާކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓުގައި ހުރީ ޖާއިޒް ފައިސާ ކަމަށާ، އެފައިސާގެ ޞައްޙަކަމާމެދު ތަޙުޤީޤުގައި ޖަވާބުދާރީވާންޖެހޭ ހިސާބަށް ދިއުމުން ޖަވާބުދާރީވެ ވަޑައިގަންނަވާނެކަމަށެވެ.
މިއަދު ފުލުހުންގެ އިދާރާއަށް ރައީސް ޔާމީން ޙާޒިރުކޮށްފައިވާއިރު، މިދިޔަމަހުގެ 15 ވަނަދުވަހުވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށްފައިވެއެވެ. އެދުވަހު އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ސިޔާސީ މައްސަލައެއްގައި ކަމަށާއި ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައިވެއެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ