24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދެވޭނޭ ސަރަހައްދުތައް ކަނޑައަޅައިފި

މާލެ އަދި ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދެވޭނޭ ސަރަހައްދުތައް ކަނޑައަޅައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ މާލެ އަދި ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދެވޭނޭ 13 ސަރަހައްދެއް  ކަނޑައަޅާފައެވެ.
އޭގެ ތެރެއިން މާލެއިން ކަނޑައަޅާފައިވަނީ، ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީމަގު، ސޯސަންމަގު، މެދުޒިޔާރަތްމަގު، ޖަނަވަރީމަގު، މަޖީދީމަގު، ބުރުޒުމަގު، އޯކިޑުމަގު، އަމީނީމަގުގެ އިތުރުން ލޮނުޒިޔާރަތް މަގެވެ.
ވިލިމާލޭން ހުއްދަދީފައިވާ ހަމައެކަނި ސަރަހައްދަކީ ފެރީ ޓާމިނަލް އެކަންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތިކަމަށެވެ. 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އެގޮތުން 24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރުމަށް އަންނަ މީހުނަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހެނީ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ސަރވިސް ސެންޓަރަށެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ