ރައީސް ތާއީދުކުރައްވާނީ އެމްޑީޕީ ކެންޑިޑޭޓުންނަށް އެކަނި: ނަޝީދު

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާނީ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީން މަޖިލީހަށް ނިކުންނަ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ކެމްޕޭން، އެޖެންޑާ 19ގެ ޕޯސްޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހުގެ ތާޢީދު ލިބިވަޑައިގަންނަވާނީ އެމްޑީޕީ ކެންޑިޑޭޓުންނަށް ކަމަށެވެ.
އަދި އެކަން ހިނގަމުން ދަނީވެސް އެގޮތަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ މެމްބަރުން، ކެންޑިޑޭޓުން ރައީސް ސޯލިހްގެ ތާއީދު އެބޭފުޅުންނަށް ނެތް ކަމަށް ގަބޫލުކޮށްގެން ވެސް ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މި ބައްދަލުވުމުގައި، އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ރައީސް ސޯލިހްގެ ތާއީދު އޮތް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ދޮގުކޮށްފައެވެ.
އަދި އެމްޑީޕީގެ އެޖެންޑާ 19 ސިޔާސަތުތަކަށް ބައެއް ބޭފުޅުން ވިދާޅުވާ ވާހަކަފުޅުތަކަށް ރައްދުވެސް ދެއްވިއެވެ. އެގޮތުން ޑރ. ޖަމީލްއަށް ސީދާ ގޮތުން ފާޑުވިދާޅުވެ ނަޝީދު ވަނީ އެބޭފުޅުންގެ ސިޔާސަތުތައް ކަމުނުދާނަމަ ރަނގަޅު ގޮތް ވެސް ބަޔާން ކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ