ބީއެމްއެލްއިން ޑެބިޓް ކާޑާއި ކްރެޑިޓް ކާޑް ހަވާލުކުރާ އުސޫލަށް ބޮޑެތި ބަދަލުތަކެއް!

މާލޭ ސިޓީގެ ފުރަބަންދަށް ލުއިތަކެއްލިބުމާއެކު 1 ޖޫން 2020 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ އިން ކާޑު ދޫކުރަން ނިންމައިފިއެވެ.
މިގޮތުން ކަސްޓަމަރ ސަރވިސް ސެންޓަރުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހަމައެހެންމެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވާތީވެ، ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ 300 ކަސްޓަމަރުންނަށްކަމަށް އެފަރާތުން ވަނީ ބުނެފައެވެ.
އެގޮތުން ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.
އެހެންކަމުން 455 އަށް އެސްއެމްއެސް ކުރައްވައިގެން ކާޑު ނެންގެވުމަށް އެދި ހުށަހަޅުއްވާށެވެ. އެސްއެމްއެސް ކުރައްވާނީ ތިރީގައި މިވާ ގޮތަށް ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައެވެ.
ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް
އައިޑީކާޑު ނަންބަރު / ޕާސްޕޯރޓް ނަންބަރު ( ބިދޭސީއެއްނަމަ)
ނަން
މިހާރު އުޅޭ އެޑްރެސް
ބީއެމްއެލްއިން ބުނީއެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމަރ ސަރވިސް ސެންޓަރ އަށް އައުމަށް އެފަރާތުން ވަނީ އެދިފައެވެ.
ކާޑު ނެންގެވުމަށް ކަސްޓަމަރުން ވަޑައިގަންނަވާއިރު މާސްކު އަޅައި، ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބަހައްޓާ، އަމިއްލަ ގަލަން ގެނެސް، ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވަނީ އެދިފައެވެ.
ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް ވަޑައިގަންނަވަން ނުޖެހޭ ގޮތަށް، ބޭންކުން ކާޑު ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.
ކާޑު ނެންގެވުމަށްޓަކައި އެސްއެމްއެސްކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ “Card Delivery” ޖެއްސެވުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ.
މި ގޮތަށް ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައިގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ