މ. އަތޮޅު މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މުލަކު އެކުވެރިންގެ ކްލަބު ހޯދައިފި

މ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން މޮޅުވެ މުލަކު އެކުވެރި ކްލަބު މުބާރަތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މިއަދު ހޯދައިފި އެވެ.
އެފްއޭއެމުން އިންތިޒާމް ކޮށްގެން މ. އަތޮޅުގައި ބާއްވާ އަތޮޅު މުބާރާތު މިއަދު ކުޅުނު މެޗުން މުލަކު ޓީމު ފައިނަލުގެ ޖާގަ ހޯދީ ނާލާފުށި ޔޫތު ޑިވެލޮޕްމެންޓް އެސޯސިއޭޝަނާ ބައްދަލުކޮށްގެންނެވެ. ޕެނަލްޓީ ޖަހައިގެން މުލަކު ޓީމު މޮޅުވީ 3-4 ލަނޑުންނެވެ.
އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ މުލަކު ޓީމުގެ ގޯލު ކީޕަރު ހުސައިން ނަދީފެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗު މާދަމާ ކުޅޭއިރު އެ މެޗުގައި ބައްދަލު ކުރާނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާއި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާ އެވެ. މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާއަކީ ގްރޫޕް ސްޓޭޖު ނިމުންއިރު ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ތާވަލުގެ އެއްވަނައިގައި އޮތް ޓީމެވެ. އަދި ކޮޅުފުށީ ޓީމަކީ ފަސް ޕޮއިންޓާއެކު ގްރޫޕް އޭގެ ސްޓޭޖް ބުރުގެ ރަނަރަޕް ޓީމެވެ.
މި މުބާރާތުގައި މިފަހަރު ޖުމްލަ ހަތް ރަށަކުން ނުވަ ޓީމެއް ބައިވެރިވެފައި ވާއިރު، ދިއްގަރު ފިޔަވައި މ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ. މުލަކާއި މުލިން މި މުބާރާތުގައި ބައިވެރިވެފައިވާއިރު، އެއިން ކޮންމެ ރަށަކުން މި މުބާރާތަށް ދެ ޓީމް ވަނީ ނެރެފަ އެވެ. އަދި ރަތްމަންދޫ އާއި ވޭވަށާއި ނާލާފުއްޓާއި ކޮޅުފުއްޓާއި މަޑުއްވަރީ ކުރެ ކޮންމެ ރަށަކުން ބައިވެރިވެފައި ވަނީ އެއް ޓީމެވެ.
ގްރޫޕް އުސޫލުން ޓީމްތައް ދެ ގްރޫޕްކަށް ބަހާލައިން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ގްރޫޕް 'އޭ' ގައި ހިމެނޭ ޓީމްތަކަކީ މަޑުއްވަރީ ޒުވާނުންގެ ޖީލާއި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާގެ އިތުރުން މުލީ އެކުވެރިންގެ ދިރުމާއި ވޭވަށު އެކުވެރިންގެ ގުޅުން އަދި މުލަކު އެކުވެރި ކްލަބް އެވެ. މުބާރާތުގެ ގްރޫޕް 'ބީ' ގައި ހިމެނެނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމްއިއްޔާ އާއި ނާލާފުށީ ޔޫތު ޑިވަލޮޕްމަންޓް އެސޯސިއޭޝަނާއި ރަތްމަންދޫ ޒުވާނުންގެ ޖަމިއްޔާ އަދި މުލީ ސްޕޯޓްސް ކްލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ