ރިލްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓް ސިއްރެއް ނުވާނެ: ރައީސް ނަޝީދު

ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކުރި ކޮމިޝަންގެ ރިޕޯޓަކީ އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫން ކަމަށާއި، އޭގައިވާ މައުލޫމާތު އެކިއެކި ޝަރީއަތްތަކުގައި ހާމަވަމުންދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، މަރާލާފައިާވ މީހުންނާއި ގެއްލުވާލާފައިވާ މީހުންެގެ މައްސަަލަތައް ތަޙްޤީޤްކުރާ ކޮމިޝަންގެ ރިޕޯޓް މަޖިލީހުގައި އެޖެންޑާކޮށް ބަހުސްކުރުމަށް މެންބަރުންނަށް ހުޅުވާލައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ، އެ ރިޕޯޓް ދެލި ކޮޕީއެއް މީގެ އެއްމަސް ދުވަަސް ކުރިން އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އެމަނިކުފާނަށް ދެއްވިކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެއްމަސް ދުވަސް ކުރިން ރިޕޯޓް ވިދާޅުވި ކަމަށާއި، އެއަށްފަހު މި ހަފްތާގެ ތެރޭގައި ނޫސްކޮންފަރެންސެއް ދެއްވައި ރިޕޯޓްގެ ތަފްސީލް ހިއްސާކޮށްފައިވާކަމަށެވެ. އަދި އިއްޔެ ކޮމިޝަންގެ ރައީސް މަޖިލީހަށް ވަޑައިގެން އެ ރިޕޯޓް ރަސްމީކޮށް އެރުވި ކަމަށާއި، އަދި މަޖިލީހުން އެ ރިޕޯޓާއި މެދު ކުރިއަށްގެންދާނެ ގޮތަކީ ކޮބައިތޯ ކޮމިޝަންގެ ރައީސްގެ ކިބައިން އެއްސެވިކަމަށެވެ.
އެގޮތުން އެ ރިޕޯޓަށް ބަހުސްކުރެއްވުމަށް ކޮމިޝަންގެ ރައީސް އެދިވަޑައިގެންނެވި ކަމަށާއި، އެއާއެކު ހުރިހާ މެންބަރުންނަށް އެ ރިޕޯޓް ފެނިވަޑައިގަންނަވާނެ ކަމަށް ކޮމިޝަންގެ ރައީސަށް ދެންނެވި ކަމަށާއި، އެކަމުގައި މައްސަލައެއް ނެތްކަމަށްވެސް ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވި ކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގައި މަޖިލިސް ތަމްސީލުކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކުރުމަށް، މަޖިލީހުގެ އައު ހިންގާ ގަވައިދުގައި ބުނެފައިވާ ކަމަށާއި، އެގޮތުގެ މަތިން ޕީޖީ ލީޑަރުންނާއި މަޝްވަރާކުރައްވައި، އެ ރިޕޯޓްގެ ދެލި ކޮޕީ އެ ބޭފުޅުންނަށް އެރުއްވި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"ނަމަވެސް ފަހުން އަޅުގަނޑުގާތުގަ ކޮމިޝަންގެ ރައީސް އެދިވަޑައިގަތީ މުޅި ރިޕޯޓް އަދި އެޖެންޑާ ނުކުރުމަށް. އެހެންނަމަވެސް ހުލާސާ ރިޕޯޓެއް އެޖެންޑާ ކުރުމަށް. އަޅުގަނޑު ސިޔާސީޕާޓީތަކުގެ ލީޑަރުންނަށް ދީފަވާ ރިޕޯޓްގެ ސިއްރު އެލީޑަރުން ހިފަހައްޓަވާނެ ކަމީ އަޅުގަނޑުގެ ހިތުގަ ކުޑަކޮށްވެސް ޝައްކު ހިނގާކަމެއްނޫން. " މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މެންބަރުންގެ ޕޯޓަލް އިން މިހާރު ފެންނަނީ މަޖިލީހަށް މިވަގުތަށް އެެޖެންޑާ ކުރެވޭނެ ހުލާސާ ރިޕޯޓެއް ކަމަށެވެ.
އަދި ރިޔާސީ ކޮމިޝަންތަކުގެ ރިޕޯޓްތަކުގައި އަމަލުކުރާ ކަންކަމުގައި ދުނިޔޭގެ ގައުމުތަކުން އަމަލުކުރާގޮތް ބެއްލެވި ކަމަށާއި، އެހެންކަމުން އެ ރިޕޯޓްގެ މަސައްކަތް ނިމުމުން އެ ރިޕޯޓެއް ހާމަނުކޮށް ތިބުމަކީ ދުނިޔޭގައި ކަންކުރާ ގޮތް ނޫންކަމަށެވެ.
އެހެންކަމުން މި ރިޕޯޓާއި ގުޅޭގޮތުން ކަމާގުޅޭ ބޭފުޅުން ލަފާ ދެއްވީ މިވަގުތަށް މުޅި ރިޕޯޓް މަޖިލީހުން ހާމަ ނުކުރުމަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މި ރިޕޯޓްގެ ތަފްސީލް ހާމަވެގެން ދިއުމުން ހަމަ ގައިމުވެސް ހިތުގެ އުދާސް ހިތުގެ ގިލަން. އަސަރު އެންމެ ބޮޑަށް ކުރާނެ ފަރާތަކީ ހަމަޔަގީނުންވެސް ރިލްވާންގެ މަންމަ އާއި ބައްްޕަ އަދި އެ ޒުވާނާގެ އާއިލާއާ ގާތް ރަހުމަތްތެރިން. އަޅުގަނޑަށް އެނގޭ ރިޕޯޓްގެ ތަފްސީލާ އެކުގަ ރިލްވާންގެ އާއިލާއަށް ނުހަނު އަސަރުކުރާނެކަން. ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ކޮމިޝަންގެ ރިޕޯޓަކީ އިތުރަށް ސިއްރުވާނެ ރިޕޯޓެއް ނޫންކަމަށާއި، އަދި އެ މައުލޫމާތަކީ ކޮންމެވެސް ދުވަހަކުން ހާމަވާނެ މައުލޫމާތު ކަމަށް ވިދާޅުވި، ރައީސް ނަޝީދު ވަނީ ރިލްވާންގެ އާއިލާއަށް ކެއްތެރިކަން ދެއްވުމަށް މާތްރަސްކަލާންގެ ކިބައިން އެދޭކަމަށެވެ.
މި ރިޕޯޓަށް މަޖިލީހުގައި ބަހުސްކުރާއިރު، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަފްސީލް ރިޕޯޓު، ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރުމަށް ފަހު، ކުއްލި ގޮތަކަށް އަތުލާފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެކަން ޕީޕީއެމްގެ ޕީޖީ ލީޑަރ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ ދޮގުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ