އަތޮޅު ކައުންސިލުގެ ރައީސް ހޮވުމަށް ކުޅުދުއްފުށީގެ ރައްޔިތުން ވޯޓު ލާން ޖެހޭ: އީސީ

ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް ހޮވުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓު ލާން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން ކުރިއަށްއޮތް ލޯކަލް އިންތިހާބުގައި ކުޅުދުއްފުށިން އިންތިހާބުކުރަން ޖެހޭނީ ސިޓީ ކައުންސިލެވެ.
އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހދ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށީގެ ރައްޔިތުން ވޯޓު ލާން ޖެހޭ ކަމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވަނީ އަތޮޅު ކައުންސިލު އެކުލެވިގެންވާ ގޮތެވެ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބުކުރަން ޖެހޭނީ އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދީމިގްރާތީ އުސޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުން ކަމަށް އެ މާއްދާގައި ބުނެއެވެ.
އެހެންކަމުން ހދ. އަތޮޅުގެ ކައުންސިލުގެ ރައީސްގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރާއި ކައުންސިލު މެމްބަރުން ހޮވުމަށް ވެސް ކުޅުދުއްފުށީގެ ރައްޔިތުން ވޯޓު ލާން ޖެހޭނެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލަށް އިންތިހާބުކުރަން ޖެހޭނީ ހަ ދާއިރާއަށެވެ. އޭގެ ތެރެއިން ދެ ދާއިރާގެ ގޮނޑި ހާއްސަކުރުމަށް ނިންމާފައިވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަކުރާ ދެ ދާއިރާ ކަށަވަރުވާނީ މި ހަފުތާގެ ބަންދުގައި ނަގާ ގުރުއަތަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ