ޔަޝް ރާޖް ފިލްމްސްގެ އެންމެ އައިކޮނިކް ފިލްމުތައް ނެޓްފްލިކްސްއަށް

ބޮލީވުޑްގެ އެންމެ މަޝްހޫރު ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)ގެ އެންމެ މަގުބޫލު އައިކޮނިކް ފިލްމުތައް ނެޓްފްލިކްސްއިން ގެނެސްދޭން ނިންމައިފިއެވެ. އިއްޔެގެ ވަގުތެއްގައި އެކަން އިއުލާނުކޮށް, ބައެއް ފިލްމުތައް ސްޓްރީމްކުރަން ފަށާފައިވާއިރު މިއީ ވައިއާރްއެފް އާއި ނެޓްފްލިކްސްއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ނިންމި ނިންމުމެކެވެ. މި އެއްބަސްވުމުގެ ދަށުން ބެލުންތެރިންގެ މެދުގައި މަގުބޫލު ވައިއާރްއެފްގެ ގިނަ ފިލްމުތަކެއް ނެޓްފްލިކްސް މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް ބެލުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާ ކަމަށް އެ ސްޓޫޑިއޯއިން ވަނީ ބުނެފައެވެ. ނެޓްފްލިކްސްއާ އެކު ހެދި މި އެއްބަސްވުމުގެ ދަށުން ތަފާތު އެކި މުނާސަބާތަކާއި ފެސްޓިވަލްތަކާ ގުޅޭ ފިލްމުތައް، އެފަދަ ދުވަސްތަކުގައި ނެޓްފްލިކްސްއިން ބެލުންތެރިންނަށް ގެނެސްދޭނެކަން ވައިއާރްއެފްއިން ވަނީ ބުނެފައެވެ. ވައިއާރްއެފްއިން މިހާތަނަށް ގެނެސްދިން މަގުބޫލު ބައެއް ފިލްމުތައް ދައްްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ އޭގެތެރޭގައި ބޮލީވުޑް އެކްޓަރު އަދި ވައިއާރްއެފްގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޝާހްރުކް ޚާންގެ ނުވަ ފިލްމެއް ހިމެނެއެވެ. ޝާހުގެ ފިލްމުތަކެއް ސްޓްރީމްކުރާނެކަން އިއުލާނުކޮށްފައި ވަނީ، މި ހަފުތާތެރޭގައި ފާހަގަކުރާ އެކްޓަރުގެ 60 ވަނަ އުފަންދުވަހަށް ޚާއްސަކޮށްފައެވެ. ހަމައެއާއެކު ބޮލީވުޑްގެ ސުޕަސްޓާރުންގެތެރޭ ހިމެނޭ ސަލްމާން ޚާންގެ އުފަންދުވަހަށް ޚާއްސަކޮށް މި އަހަރުގެ ޑިސެމްބަރު މަހުތެރޭ ސަލްމާންގެ ތިން ފިލްމެއް ސްޓްރީމްކުރެވޭނެ ކަން ވެސް ވައިއާރްއެފްއިން ވަނީ އިއުލާނުކޮށްފައެވެ. ވައިއާރްއެފްއާ އެކު ހެދި އެއްބަސްވުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ނެޓްފްލިކްސް އިންޑިއާ ގޮފީގެ ނައިބު ރައީސާ މޮނީކާ ޝޭރްގިލް ވިދާޅުވީ މިއީ ނެޓްފްލިކްސް މެދުވެރިކޮށް އިންޑިއާ ސިނަމާ، ދުނިޔޭގެ އެތައް ބަޔަކަށް ތަޖުރިބާކޮށްލުމަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ވައިއާރްއެފް ފަދަ އިންޑިއާގެ ސިނަމާގެ މުއްސަނދިކަން ދައްކުވައިދޭ ސްޓޫޑިއޯއަކާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހިންދީ ސިނަމާއަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މޮނީކާ ވަނީ ވިދާޅުވެފައެވެ. ވައިއާރްއެފަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ އަމިއްލަ ކުންފުންޏެވެ. ކާމިޔާބު ލޯބީގެ އެތައް ފިލްމެއް ހިންދީ ސިނަމާއަށް ގެނެސްދީފައިވާ ޑައިރެކްޓަރު 2012 ގައި މަރުވި ފަހުން އެ ސްޓޫޑިއޯ ހިންގުމުގެ ޒިންމާ ނަގަމުން އަންނަނީ ދޮށީ ދަރިފުޅު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ