ފީފާގެ ސުލްހައިގެ އެވޯޑު، މިއީ ޓްރަމްޕު ހައްދަން ކުޅުނު ޑްރާމާއެއް!

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ފުރަތަމަ ފަހަރަށް ދިން ސުލްހަ އިނާމް ޕީސް ޕްރައިޒް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިނުމާއެކު އެންމެ ފުރަތަމަވެސް މުޅި ހޯލަށް ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ވެރިވިއެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ފީފާއަކީ ދުނިޔޭގެ ފުޓުބޯޅައާބެހޭ މައި އިދާރާއެވެ. ދުވަހަކުވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަންނާނެކަމުގެ ވައުދުވާ ބައެކެވެ. ނަމަވެސް މި އެވޯޑާއެކު ފީފާގެ އެ ގޮވެލިފަތި ބަދަލުވެއްޖެއެވެ. ފީފާ ވޯލްޑް ކަޕްގެ ގުރުއަތު ލުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓްރަމްޕަށް މި އެވޯޑުދިނީ ދުނިޔޭގެ ސުލްހަ ގާއިމުކުރުމަށް ޓްރަމްޕް ކުރަމުންއަންނަ މަސައްކަތާ ދިމާކޮށެވެ. ނަމަވެސް ސުވާލަކީ ފުޓުބޯޅަ ދަނޑުތަކާއި މައިދާންތަކުގައި ފަލަސްތީނު ދިދަ ބޭނުންކުރުމުން އެއީ ބޮޑު ސިޔާސީ ކަމެއްކަމަށް ފީފާއިން މީގެކުރިން ބުނުމެވެ. ބަހާ އަމަލާ ދިމާނުވާތީ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެކަމަށް ހަރުއަޑުން ވަކާލާތުކުރި ފީފާގެ ރައީސް އިންފަންޓީނޯއާއެވެ. އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ޓްރަމްޕަށް މި އިނާމް ދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ. އެވޯޑަކާއި ސުލްހައިގެ މެޑަލްގެ އިތުރުން ހާއްސަ ސެޓްފިކެޓެއް ޓްރަމްޕަށް އަރުވާފައިވެއެވެ. މި އިނާމާއެކު ވާހަކަދައްކަމުން ޓްރަމްޕް ބުނީ އޭނާ ވެރިކަމަށް ވަޑައިގަތްފަހުން ވަރަށް ގިނަ ހަނގުރާމަތަކާއި ހަނގުރާމަ ފަށައިގަންނަން އުޅުނު އެތައް ގައުމެއްވެސް މިހާރު ސުލްހަކޮށްފައިވާނެ ކަމަށެވެ. ފަލަސްތީނުގެ ޢައްޒާގެ މައްސަލަވެސް މިހާރު ހައްލުވެފައިވާކަން ފާހަގަކޮށް ޓްރަމްޕު ބުނީ ޕާކިސްތާނާއި އިންޑިޔާ ހަނގުރާމައެއް ފަށައިގަންނަން އުޅެނިކޮށް އެކަންވެސް ހުއްޓުވާފައިވާނެ ކަމަށެވެ. ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ދިނުމަށް މީގެކުރިން އޭނާ ވަކާލާތުކުރިއެވެ. ނަމަވެސް އެ އެވޯޑު މިފަހަރު ދިނީ އެހެން މީހަކަށެވެ. މި ހުރިހާ ސިޔާސީ ކަންކަން އޭނާ ކޮށްފައިވަނީ މި ނޮބެލް ޕީސް ޕްރައިޒް ހޯދުމަށްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕާ ގުޅުވައިގެން އިންފަންޓީނޯ ދަނީ ޓްރަމްޕަށް ތައުރީފުކޮށް ގިނަ ވާހަކަތަކެއް ދައްކަމުންނެވެ. އަދި ފީފާގެ ސުލްހައިގެ އެވޯޑުވެސް ދިނީ ޓްރަމްޕް ހިތްހަމަޖައްސައިދީ، ވޯލްޑްކަޕް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ބޭއްްވުމަށް ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ