ބުދަ ދުވަހު އޮކްސްފެމް އިންޓަނޭޝަނަލް އިން އިންޒާރެއް ދެމުން ބުނެފައިވަނީ، އިސްރާއީލުން ހިފާފައިވާ ވެސްޓް ބޭންކުގައި އިސްރާއީލު ސިފައިންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ވަރަށް ގިނަމީހުން އެހެންސަރަހައްދުތަކަށް މަޖްބޫރުވެގެން ރައްކާތެރިކަން ހޯދުމުގެ ގޮތުން ބަދަލުވަމުންދާ ކަމަށެވެ.
ޖެނުއަރީ 19 ގައި ގާޒާގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓުނު ފަހުން، އިސްރާއީލު ސިފައިންގެ އަނިޔާވެރިކަން "ބޮޑުތަނުން އިތުރުވުމާއެކު" ފަލަސްތީނުގެ 40,000 އަށްވުރެ ގިނަ މީހުން ވެސްޓް ބޭންކުން މަޖުބޫރުން ބަދަލުކުރެވިފައިވާ ކަމަށް މި ޖަމާއަތުން ބުނެފައިވެ އެވެ.
މިއީ "1967 ގައި އިސްރާއީލުން ވެސްޓް ބޭންކް ހިފީއްސުރެ އެންމެ މަތީ އަދަދު" ކަމަށް އޮކްސްފެމް އިން ފާހަގަކޮށްފައިވެ އެވެ.
ދެވަނަ އިންތިފާދާއަށް 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުން ވެސްޓް ބޭންކަށް ޓޭންކުތައް ވަނީ ފޮނުވާފަ އެވެ. އަދި އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކެޓްޒް ވިދާޅުވެފައިވަނީ، ފަލަސްތީނު މީހުން އެމީހުންގެ ގެތަކަށް އެނބުރި ދިއުން ހުއްޓުވުމަށް ސިފައިންނަށް އިރުޝާދު ދީފައިވާކަމަށެވެ. މިއީ ބައިނަލްއަގްވާމީ އިންސާނިއްޔަތުގެ ގާނޫނުގެ ސީދާ ޚިލާފު އަމަލެކެވެ. ޖެނިން، ތުލްކަރަމް، އަދި ނޫރު ޝަމްސަށް އިސްރާއީލް ސިފައިން ވަނުމުގެ ސަބަބުން، ކުޑަވަމުންދާ ސަރަހައްދުން ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް އިތުރަށް ބޮޑުވެގެންދެ އެވެ.
ނަތަންޔާހޫ ވެސްޓް ބޭންކަށް ޒިޔާރަތްކުރައްވައި ހަމަލާތައް ހަރުދަނާކުރުމަށް އަމުރުކުރައްވައިފި
ފާއިތުވި ހަފުތާގައި އިސްރާއީލުގައި ބަހުގައި ބޮންގޮއްވާލުންތަކުގެ ފަހަތުގައި ވެސްޓް ބޭންކުން އައި ހަނގުރާމަވެރިން ތިބިކަމަށް އިސްރާއީލުގެ އޮފިޝަލުން ބުނުމަށްފަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ސަރަހައްދަށް ކުރެއްވި ޒިޔާރަތެއްގައި، ސިފައިންގެ ހަރަކާތްތައް ހަރުދަނާކުރުމަށް އަމުރުކުރައްވާފައިވެ އެވެ. އޭނާ އުތުރުގައިވާ ތުލްކަރަމް ރެފިއުޖީ ކޭމްޕަށް ކުރެއްވި މި ޒިޔާރަތް ފަލަސްތީނުން ވަނީ ކުށްވެރިކޮށްފަ އެވެ.
"ވެސްޓް ބޭންކް 'ގާޒާ' އަކަށް ބަދަލުވަމުންދާއިރު، މުހިންމު އިންސާނީ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ލަސްވަމުން ނުވަތަ ނައްތާލެވެމުންދާ" ކަމަށް އޮކްސްފެމްއިން ބުނެފައިވެ އެވެ.
ޗެކްޕޮއިންޓްތަކާއި ހުރަސްތަކުން އިންސާނީ އެހީއަށް ބުރޫއަރަނީ
މަދުވެގެން އިސްރާއީލުގެ 800 ސިފައިންގެ ޗެކްޕޮއިންޓްތަކާއި، ހުރަސްތަކާއި ގޭޓްތަކުގެ ސަބަބުން މިހާތަނަށް ނުދެކޭވަރުގެ ދަތުރުފަތުރުގެ ހުރަސްތައް ކުރިމަތިވެފައިވާކަމަށް އޮކްސްފެމްއިން އިންޒާރު ދީފައިވެ އެވެ. ދެ ގަޑިއިރުގެ ދަތުރުތައް ކުރުމަށް މިހާރު 12 ގަޑިއިރު ނަގާކަމަށާއި، މީގެ ސަބަބުން އިންސާނީ އެހީގެ މަސައްކަތަށް ބުރޫއަރާކަމަށް އެ ޗެރިޓީން ވަނީ ބުނެފަ އެވެ.
އޮކްސްފެމްގެ ވެސްޓް ބޭންކް ރެސްޕޮންސް ލީޑް، މުސްތަފާ ތަމައިޒަހް ވިދާޅުވެފައިވަނީ މި ހިނގަމުންދަނީ "ހިސާބުކޮށްގެން ރޭވިފައިވާ އެނެކްސޭޝަން (އަނެކާގެ ބިން އަތުލުމުގެ) ސްޓްރެޓެޖީއެއް" ކަމަށެވެ. "އެއް ރޭ ތެރޭގައި، ސިޓީތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓިފައިވަނީ، ކުރިން ވެސް ދަތިތަކުގައި ޖެހިފައި ތިބި އާންމުންނަށް އިތުރު އިގްތިސާދީ އަދި އިޖުތިމާއީ ފިއްތުންތައް އިތުރުކޮށްފަ."
ބިންތައް އަތުލުމުގެ ސިިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ ޔަހޫދީ އަވަށްތައް ފުޅާކުރުން
އިސްރާއީލުގެ އެތައް ވަޒީރުންނެއް ކުރިން ވިދާޅުވެފައިވަނީ، އެމެރިކާ ސަރުކާރުން އޮކިއުޕައިޑް ސަރަހައްދުގެ މައްޗަށް އިސްރާއީލުގެ "ސިޔާދަތު" ބަލައިގަންނާނެކަމުގެ އުންމީދުގައި، ވެސްޓް ބޭންކް އަތުލުމުގެ ތައްޔާރީތައް ކުރުމަށް އަމުރުކޮށްފައިވާކަމަށެވެ. އިސްރާއީލުގެ ބިންތައް އަތުލުމުގެ ސިިޔާސަތުތަކުގެ ތެރޭގައި ހިމެނެނީ ޔަހޫދީ އަވަށްތައް ފުޅާކުރުމާއި، ބިން އަތުލުމާއި، ފަލަސްތީނުންގެ ގެދޮރު ތަޅާލުމާއި، އަދި ފަލަސްތީނު މަދަނީ ރައްޔިތުން މަޖުބޫރުން "ޓްރާންސްފާ" ކުރުމެވެ.
ޔަހޫދީންު ޖެރޫސަލަމްގެ އުތުރު އިރުމަތީގައި 100 ޒައިތޫނި ގަސް އުފުރާލައިފި
ބުދަ ދުވަހު، ހިފާފައިވާ ޖެރޫސަލަމްގެ އުތުރު އިރުމަތީގައިވާ ޖަބާއާގެ ހުޅަނގުގައި ހުރި 100 ވަރަކަށް ޒައިތޫނި ގަސް ޔަހޫދީން އުފުރާލައިފި ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އޭޖެންސީން އިއްޔެ ބުނެފި އެވެ.
މިދޔަ ހޮނިހިރު ދުވަހު، ކޮލޮނިސްޓުން ޖަބާއާ ރަށުގައިވާ ބެދުއިން ކޮމިއުނިޓީގެ އާއިލާއަކަށް ނިސްބަތްވާ ގެއެއްގައި ރޯކޮށް އެ ސަރަހައްދުގެ ރަށްވެއްސެއްގެ ވެހިކަލްއެއް ހަލާކުކޮށްލާފައިވެ އެވެ.
މި ހަމަލާތަކަކީ އިސްރާއީލުގެ އޮކިއުޕޭޝަންގެ ނިޒާމީ ސިޔާސަތުގެ ބައެކެވެ. މީގެ އަމާޒަކީ ބެދުއިން އެމީހުންގެ ބިންތަކުން ބަދަލުކޮށް، ޔަހޫދީ އިސްތިއުމާރު ފުޅާކުރުމަށް އެ ބިންތައް އަތުލުމެވެ.
ފަލަސްތީނު ރެޑް ކްރެސެންޓް: ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުގައި އާއިލާތައް ބަންދުވެފައި
ބުދަ ދުވަހު ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ބުނެފައިވާގޮތުގައި ތުލްކަރަމްގެ އިރުމަތީގައިވާ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުގައި ބަންދުވެފައިވާ އާއިލާތަކުން އެހީއަށްވަނީ އެދިފަ އެވެ.
ޕީއާރުސީއެސްގެ ބަޔާނެއްގައި ބުނެފައިވަނީ، ކޭމްޕުގެ ޖަބަލް އަލް-ނަސްރު ސަރަހައްދުގައި ބަންދުވެފައިވާ އާއިލާތަކުން އެތައް ފޯނުކޯލުތަކެއް ލިބިފައިވާ ކަމަށާއި، ނުރައްކާތެރި ހާލަތާއި އިސްރާއީލުގެ ބާރުތަކުން އެ ސަރަހައްދު ވަށައިލާފައިވުމުގެ ސަބަބުން އެމީހުންނާ ހަމައަށް ވާސިލުވުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
"މި އާއިލާތައް ސަލާމަތުން ބޭރަށް ނެރެ އަދި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމުތަކަށް ރައްކާތެރިކަމާއެކު ވާސިލުވުން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު ވިލަރެސްކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ،" ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން، އިސްރާއީލީ ބާރުތަކުން ރޭގައި އަންގާފައިވަނީ އަލް-ޖާމިއު ސަރަހައްދުން ފެށިގެން އަލް-މަންޝިޔާ ސަރަހައްދަށް މަގެއް ހެދުމުގެ ހުއްޖަތެއްގެ ދަށުން، ކުރިއަށް އޮތް ދުވަސްތަކުގައި ނޫރު ޝަމްސް ކޭމްޕުގައި 11 ގެ ތަޅާލުމަށް ރޭވިފައިވާ ކަމަށެވެ. ތަޅާލުން ފެށުމުގެ ކުރިން ބާރުތަކުން ގޭގެ ވެރިންނަށް މާދަމާ މެންދުރު 11 ޖަހަންދެން އެ މީހުންގެ ގެތަކުން ބޭރަށް ނިކުމެ، އެމީހުންގެ ތަކެތި ނެގުމަށް ސުންގަޑިއެއް ދީފައިވެ އެވެ.
އިސްރާއީލުގެ ހަމަލާތަކުން 'ވެސްޓް ބޭންކް ގާޒާއަކަށް' ބަދަލުވަމުންދާކަމަށް އޮކްސްފެމް އިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ