ޕީޕީއީ ގަތުމަށް ހެދި އެއްބަސްވުމާއި ހިލާފަށް ދިން ފައިސާ ހޯދަން އަންގައިފި

ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ފޯރުކޮށްދީފައި ނުވަނީސް އިތުރަށް ދޫކުރި 5 ލައްކަ އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން އަންގައިފިއެވެ.
ޕީޕީއީގެ ތެރޭގައި ހިމެނޭ ގްލޯވްސް އާއި ގައުންސްފަދަ ތަކެތި ހޯދަން އަމިއްލަ ފަރާތަކާއެކު ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާޗްމަހުގެ 9 ވަނަ ދުވަހުގައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާއްމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮވިޑާއި ގުޅާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރި 8.9 މިލިއަން ރުފިޔާގެ ތަކެތި އެއްބަސްވުމާއި އެއްގޮތަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ހަވާލުކުރި ތަކެތީގެ ތެރެއިން 55،800 ގައުންސް އާއި 100،450 ޝޫކަވަރާއި 100،450 ހެޑްކަވާ ހަވާލުކޮށްފައިވާކަމަށް މި ރިޕޯޓްގައިވެއެވެ. އަދި މި ތަކެތީގެ އަގަށްވާ 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ހަވާލުކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ފޯރުކޮށްނުދެވޭނަމަ އެކަން އަންގަން އެއްބަސްވުމުގައި އޮތަސް އެ ކުންފުނިން މިނިސްޓްރީއަށް އެކަން އެންގީ މަހެއްހާ ދުވަސް ފަހުންކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ބައެއް ތަކެތި ހަވާލުކޮށްފައިވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމްލަ ފައިސާގެ ތެރެއިން ބައެއް ކަނޑަންޖެހޭނެ ކަމަށެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި ޕީޕީއީ ގަތުމަށް ހަވާލުކުރި ފަރާތަށް އިތުރަށް ދީފައިވާ 517915 ( ފަސް ލައްކަ ސަތާރަ ހާސް ނުވަ ސަތޭކަ ފަނަރަ) ރުފިޔާ ދައުލަތަށް ހޯދަން ޖެހެއެވެ. މި ފައިސާ ނުލިބިއްޖެ ނަމަ އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހޯދައި ޖަމާކުރަން ޖެހޭ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެކަަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ