ބޮޑެތި ދަރަނިތައް ދެއްކުމުން ބިލިއަން ޑޮލަރުން މަތީގައި ހުރި ރިޒާވު 771 މިލިއަނަށް ތިރިވެއްޖެ

ސުކޫކަށް ފައިސާ ދެއްކުމާއި އިންޑިއާއިން ނަގާފައިވާ ޑޮލަރު ކަރަންސީ ސްވޮޕު އަނބުރާ ރައްދުކުރުމާ ގުޅިގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުން މަތީގައި ހުރި ޖުމްލަ ރިޒާވު 717 މިލިއަން ޑޮލަރަށް ތިރިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ސުކޫކަށް 524 މިލިއަން ޑޮލަރު އަދި އިންޑިއާ ސަރުކާރު މެދުވެރިވެގެން އެ ގައުމުގެ މަރުކަޒީ ބޭންކު، ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރު ހިމަނައިގެން، ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އަނބުރާ ދައްކާފަ އެވެ. 
މި ދަރަނިތައް ދައްކާ ނިމުމަށް ފަހު ގްރޮސް ރިޒާވުގައި ހުރި އަދަދުން ވަނީ 613 މިލިއަން ޑޮލަރު މަދުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޖުމްލަ ރިޒާވުގައި 1.33 ބިލިއަން ޑޮލަރު ހުއްޓެވެ. 
ޖުމްލަ ރިޒާވަށް އައި ހީނަރުކަމާއެކީ، ޔޫސަބަލް ރިޒާވު ނުވަތަ ބޭނުންކުރެވޭ ރިޒާވު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ މަސް ނިމުނުއިރު ޔޫސަބަލް ރިޒާވުގައި ހުރީ 244 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހު އެ ރިޒާވުގައި ހުރި އަދަދަށް ވުރެ 167 މިލިއަން ޑޮލަރު މަދު އަދަދެކެވެ.
ބޮޑެތި ދަރަނިތަކެއް އަދާކުރުމަށް ފަހުގައި ވެސް ރިޒާވުގެ ހާލަތު ރަނގަޅު މިންވަރެއްގައި ހިފެހެއްޓުނު މައިގަނޑު ސަބަބަކީ އިންޑިއާގެ ޑޮލަރު ކަރަންސީ ސްވޮޕް ދެއްކުމުން، އެ ގައުމުން 30 ބިލިއަން ރުޕީސްގެ ފެސިލިޓީއެއް ހަމަޖައްސައިދިނުމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްްއޭއިން ވަނީ ބޭރުގެ ބޭންކެއްގައި މި ފައިސާ ބަހައްޓާފައި، ބަދަލުގައި ޑޮލަރު ހޯދާފަ އެވެ. ނަމަވެސް މިކަން އެ އޮތޯރިޓީން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. 
ބޭރު ފައިސާގެ މައްސަލައިގައި ރާއްޖެއަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިސްޓުން އައުން މަދުވުމެވެ. މީގެ އަސަރު ދައުލަތުގެ އާމްދަނީއަށް ވެސް ވަނީ ކުރަން ފަށާފަ އެވެ. 
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޭޕްރިލްއަށް ވުރެ މަދެވެ.
މިހެން ނަމަވެސް އެ އިދާރާއިން ވަނީ މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޑޮލަރު އާމްދަނީގެ ގޮތުގައި 660 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ލިބުނު ވަރަށް ވުރެ 91 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ