ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ މައްޗަށް ހިންގި ޝަރީއަތަށްފަހު އެ މައްސަލައިގައި ހުކުމް ކުރަން މިއަދު ތާވަލުކޮށްފި އެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާ ކުރެ އެވެ. ނަމަވެސް ޝަމްއާން ބުނަނީ ދައުލަތުން އޭނާ ފްރޭމްކޮށްފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ ޝަމްއާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ މައްސަލައިގައި ހުކުމް ކުރަން ޝެޑިއުލްކޮށްފައިވަނީ މިއަދު ހަވީރު 4:00 ޖަހާއިރެވެ.
މި ތިން ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން ނުވަ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރު ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް 19 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ.
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާނަށް މިއަދު ހުކުމްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ