ޔާމީނާއި، ރިލްވާންގެ މައްސަލާގައި ދައުވާކުރަން ފޮނުވަނީ

އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދާއި، ގެއްލުއްވާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގު ނިންމާ ޖުލައި މަހުގެ ތެރޭގައި ދައުވާކުރަން ފޮނުވާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކުރީގެ ބަންޑާރަ ނާއިބް އަދި ރިޔާސީ ކޮމިޝަންގެ ރައީސް އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުދިނުމަށްޓަކައި ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، އެ ކޮމިޝަންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
ސުއޫދު ވިދާޅުވީ ކޮމިޝަންތަކަށް ބާރު ލިބދޭ ބިލް ފާސްކުރުމާއި ހަމައަށްވެސް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށާ ގިނަ މައްސަލަތަކުގައި ބޮޑެތި ކުރިއެރުންތަކެއްވެސް ލިބިފައިވާކަމަށެވެ. އެގޮތުން އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދާއި، ގެއްލުއްވާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގު ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށެވެ.
އަދި މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ޖުލައި މަސް ނިމުމުގެ ކުރިން އެ ދެ މައްސަލައާއި ގުޅިގެން ދައުވާކުރުމަށް ފޮނުވުމަށްކަމަށް ސުއޫދު ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ ދައުވާކުރަން ފޮނުވުމުގެ އިތުރުން އެ ދެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ އިދާރާތަކަށް ހުށައަޅާނެކަމަށެވެ.
ސުއޫދު ވިދާޅުވީ ރިޔާސީ ކޮމިޝަނަށް ބާރުތައް ލިބިދޭ ބިލް ފާސްކޮށްފައިވަނީ ބައެއް ބާރުތައް ބިލުން އުނިކުރުމަށްފަހުނަމަވެސް، އެ ބިލް ފާސްވެގެންދިއުމަކީ އުފާކުރައްވާކަމެއްކަމަށެވެ. އަދި ބިލް ފާސްވެ، ރައީސް ތަސްދީގުކުރެއްވުމުން މިހާރު އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްވެެގެންދާނެކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް ފާސްކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އަށާރަވަނަ މަޖިލީހަށް ވެސް މިބިލް ހުށަހަޅާ ފާސްކުރަން މަސައްކަތްކޮށްފައިވާއިރު އޭރު މިބިލް ފާސްވެފައި ނުވަނީ މިބިލް ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެވަޑައި ނުގަތުމުން ވޯޓަށް އެހޭ ގޮތް ނުވެގެންނެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ ގޮތަށް މަރާލާފައިވާ މީހުންގެ އިތުރުން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ގަރާރަކުން ދެ ރިޔާސީ ކޮމިޝަނެއް އުފެއްދެވިއިރު މިއީ ރައީސްގެ ރިޔާސީ ވައުދެއް ފުއްދެވުމަށް އުފެއްދެވި ދެ ކޮމިޝަނެވެ.
މި ފާސްކުރި ގާނޫނު ރައީސް ތަސްދީގު ކުރެއްވުމާ އެކު ތަހުގީގީ އިދާރާއަކަށް ބޭނުންވާ ގިނަ ބާރުތަކެއް ރިޔާސީ ދެ ކޮމިޝަނަށް ލިބިގެންދާނެ އެވެ.
މީގެތެރޭގައި އެ ކޮމިޝަނުގެ ހިންގާ ގަވާއިދު އެކުލަވާލުމާއި، ކޮމިޝަނުން ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުމާއި، ތަންތަން ބަލާ ފާސްކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާއި، ކޯޓު އަމުރަށް އެދެވުމުގެ ފުރުސަތާއި، ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުމުގެ ފުރުސަތުގެ އިތުރަށް ބަލާ ފާސްކޮށް ތަކެތި ހިފެހެއްޓުމުގެ ބާރުވެސް ވަނީ ލިބިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ