ވެރިކަން ކުރާ އިއްތިހާދުގައި ފިކުރީ އެއްބަސްވުމެއް ނޯންނާނެ: ރައީސް ނަޝީދު

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފައްދާފައިވަނީ އިއްތިހާދަކުން ނަމަވެސް އިއްތިހާދު އެކުލަވާލުމުގައި ފިކުރީ އެއްވެސް އެއްބަސްވުމެއް ނޯންނާނެކަމަށް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އއ.ތޮއްޑޫގައި މިރޭ ބޭއްވި އެމްޑީޕިގެ މަޖިލިސް ކެމްޕެއިިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިއްތިހާދު އުފެދުނު ސަބަބަކީ އެންމެ ސަބަބެއް ކަމަށާއި، އެއީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނއުން ކަމަށެވެ.
އަދި އިއްތިހާދުގެ ލީޑަރުންނަށް އެއްބަސް ވުމަކަށް އޭރު އާދެވުނު ހަމަ އެކަނި ފިކުރަކީ ރައީސުލް ޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ހުރިހާ ޕާޓީތައް އެއްބަސްވުމާއި، އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް ނެރޭނެ ކެނޑިޑޭޓަކީ އެމްޑީޕީގެ ކެނޑިޑޭޓްކަމަށް އެއްބަސްވި އެއްބަސްވުންކަމަށްވެސް ވިދާޅުވިއެވެ
"މި ސަރުކާރު އުފައްދާފައި މިބަނީ، އިއްތިހާދަކުން އެ އިއްތިހާދު އުފެދުނު ސަބަބަކީ އެންމެ ސަބަބެއް. ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނއުމަށް. އެ އިއްތިހާދުގެ އެކުލަވާލުމުގައި ފިކުރީ އެއްބަސްވުމެއް ނެތް. އެއް ހިޔާލަކަށް އެއް މަސްލަހަތަކަށް އެއް ފިކުރަކަށް އަޅުގަނޑުމެނަކަށެއް ނާދެވޭ. އަޅުގަބނޑުމެނަށް އާދެވުނު ފިކުރަކީ ރައީސުލް ޖުމްހޫރިއްޔާ އިންތިހާބު ކުރުމަށް ހުރިހާ ޕާޓީތައް އެއްބަސްވާކަމާއި އަދި އެ އިންތިހާބުގައި ހުރިހާ ޕާޓީތަކުން ރައީސް ޔާމީނާ އިދިކޮޅަށް ނެރޭނެ ކެނޑިޑޭޓަކީ އެމްޑީޕީގެ ކެނޑިޑޭޓްކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމާއެކުގައި ދެން ވި އެއްބަސްވުމަކީ ސަރުކާރު އެކުލަވާލުމުގައި ޕާޓީތަކުގެ ހިއްސާ ބޭއްވުމަށް ވި އެއްބަސްވުން ކަމަށެވެ.
"އަޅުގަނޑުމެން ވެ ތިބި އެއްބަސް ވުމަކީ ސަރުކާރު އެކުލަވާލުމުގައި ޕާޓީތަކުގެ ހިއްސާ ބޭއްވުމަށްވި އެއްބަސްވުން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ބައެއް ސިޔާސީ ލީޑަރުން ވިދާޅުވަމުން ގެންދަވާފައިވަނީ އެބޭފުޅުން ކަންތައްތަކަކަށް އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ.
އޭގެ ތެރޭގައި ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގައި އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކުން ހިއްސާ ވާނެ ގޮތާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންތައްތަކުގައި ލީޑަރުން ނިސްބަތްވާ ޕާޓީތައް ހިމެނޭ ގޮތުން ޖޮއިންޓް ޕާލަމެންޓްރީ މަޝްވަރާތައް ކުރުން ހިމެނޭ ކަމަށެވެ.
އަދި ލީޑަރުން އެއްބަސްވެފައިވާ އެގްރީމެންޓެއްގެ ދަށުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިރާތައް ބަހާލާފައިވާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
މިމަހުގެ ނުވަވަނަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީ ހިމެނޭގޮތުން ކޯލީޝަންގެ ލީޑަރުން، އިންތިހާބުގެ ދާއިރާތައް ބަހާލުމަށް އެއްބަސްވެފައިވަނީ، އެމްޑީޕީއަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް ރައީސް މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ކަމަށެވެ.
އެކަމަށް އެއްބަސްވެފައިވާ އެގްރީމެންޓް އެ ބައްދަލުވުމުގައި މީޑީޔާތަކަށް ދައްކަވާލައްވަމުން ގާސިމް ވިދާޅުވީ އެއީ ސޮއިކޮށް ހުރިހާ ފަރާތަކުން ވެފައިވާ ސާފު އެއްބަސް ވުމެއް ކަމަށެވެ. ނަމަވެސް ފަހުން ރައީސް ނަޝީދު އެ އެއްބަސްވުމާ ހިލާފުވެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް އެމްޑީޕީން ކެނޑިޑޭޓުުން ނެރުނީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ