ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅާކަމުގެ ޝަކުވާ ދަނީ ލިބެމުން: އޭސީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެކި ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ ނަމްބަރު 11 ގެ (ހ) ގެ ދަށުން އެއްވެސް އިންތިޚާބީ ޙައްޤެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ޙައްޤެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ރިޝްވަތަކަށްވާގޮތުން އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކަށް ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މައުލޫމާތު މި ކޮމިޝަނަށް ފޯރުކޮށްދިނުމަކީ އިންތިޚާބުތަކާ ގުޅިގެން ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވޭނޭ މުހިއްމު ކަމެއް ކަމުގައި ވެސް އޭސީސީން ބުންޏެވެ.
މީގެ އިތުރުންވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކުން އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއްގެ ހިނގާ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް ރިޕޯޓުކުރުމަށް ވެސް އޭސީސީން ވަނީ އެދިފައެވެ.
އިންތިޚާބާ ގުޅޭ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށާއި، އެކަންކަމަށް ޚާއްސަގޮތެއްގައި ފާރަވެރިވެ، އެފަދަ ޢަމަލުތައް ވިޔަ ނުދިނުމުގެ ގޮތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށްވެސް އޭސީސީން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ