ކުޅުދުއްފުށީގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ!

ކުޅުދުއްފުށީގައި ޑެންގީ ފެތުރޭ މިންވަރުން އިތުރުވެފައިވާކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހދ އަތޮޅު ހެލްތު ސާވިސަސްއިން ވިދާޅުވެއްޖެ އެވެ.
ޑެންގީ ކޮންޓްރޯލްކުރުމަށް ރަށު ފެންވަރުގައި އެކުލަވާލި ކޮމެޓީ އިފްތިތާހްކުރުމަށް ރޭ ހދ ހެލްތު ސާވިސަސްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު އޮފިޝަލުން ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މިއަހަރު ޑެންގީ ހުން ފެންނަ މީހުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ފެބުރުއަރީ އާއި މާރޗުމަހު ޑެންގީ ހުމުގެ އެންމެ ކޭސްއެއްވެސް ރިޕޯޓްކޮށްފައިނުވާއިރު މިއަހަރު ފެބުރުއަރީމަހު ޑެންގީހުމުގެ 17 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި މިމަހުގެ މިހާތަނަށް 9 ކޭސްއެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިދިޔަ 2018 ވަނަ އަހަރު ކުޅުދުއްފުށީގައި އެންމެ ގިނައިން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ ޖޫންމަހު އެވެ. އެއީ 13 ކޭސް އެވެ.
ޑެންގީހުމުގެ ރިޕޯޓްތައް އިތުރުވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކުރައްވަމުން ހެލްތު އޮފިޝަލުން ވިދާޅުވީ މިކަމަށް ސަމާލުކަން ނުދީފިނަމަ ޖޫން ޖުލައިމަހުގެ ތެރޭގައި މިއަދަދު ތިން ގުނައަށް އިތުރުވެދާނެކަމަށެވެ. ކޮންމެ އަހަރެއްގެ އެންމެ ބޮޑަށް ޑެންގީހުމުގެ ރިޕޯޓްތައް އިތުރުވަނީ ޖޫން/ޖުލައިގަ އެވެ.
މިހާތަނަން ޑެންގީހުން ފެތުރެމުންދާކަން ފާހަގަކުރެވިފައިވަނީ ރަށުގެ ތިން ސަރަހައްދުގައި ކަމަށެވެ. އެހެންނަމަވެސް އެހެން ބައެއް ސަރަހައްދުތަކުންވެސް ޑެންގީހުމުގެ ރިޕޯޓްތައްވަނީ ފެނިފައި އެވެ. ހެލްތު އޮފިޝަލުން ވިދާޅުވީ ޑެންގީހުމުގެ ރިޕޯޓްތައް އެންމެ ގިނައިން އަންނަ ސަރަހައްދުތަކުގެ 76 ގޭބިސީއަކަށް އެފަރާތުން ޒިޔާރާތްކޮށް، އިންސްޕެކްޓްކުރިއިރު އެތަނުން 22 ގޭބިސީއަކުން މަދިރި އުފެދޭގޮތަށް ހުރި “ބޮޑެތި ފެކްޓަރީތައް” ފެނިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކަންބޮޑުމެއްކަމަށްވެސް އެފަރާތުން ވިދާޅުވި އެވެ.
މަދިރި އާލާވާގޮތަށް ހުރި އެފަދަ ތަންތަން ނައްޓާލުމަށް ފަރުދީ ޒިންމާ ނެގުމަށްވެސް އެފަރާތުން ވަނީ އިލްތިމާސްކުރައްވާފައި އެވެ. ރޭގައި އެކުލަވާލައި އިފްތިތާހްކުރި ޑެންގީ ޓާސްކް ފޯހުން ވަނީ ޑެންގީ ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ކޮމެޓީ ކުރިއަށްދާނެ ގޮތަކާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ