އެސްބީއައިގެ ފައިސާ އުފުލާއިރު ސަލާމަތީކަންކަން ބަލަހައްޓަން ފުލުހުން އެއްބަސްވެއްޖެ

ފުލުހުންގެ ސެކިއުރިޓީ ދިނުމާއި ރައްކާތެރިކަމާއި އެއްތަނުން އަނެއްތަނަށް ރައްކާތެރިކަމާއި އެކު ފައިސާ ގެންދިއުމާއި، ސްޓޭޓް ބެންކް އޮފް އިންޑިއާގެ އިމާރާތާއި އަދި އޭޓީއެމްގެ ސެކިއުރީޓީ ކަންކަން ބެލެހެއްޓުމާއި، އަދި ދެފަރާތުގެ ރިސޯސް ޝެއަރ ކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސްޓޭޓް ބެންކް އޮފް އިންޑިއާ އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރުކޮށި ކޮންފަރެންސް ރޫމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ. ސްޓޭޓް ބެންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ އެންޑް ސީއީއޯ އަމްރޭޝް މޯހަންއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ވިދާޅުވީ، ފައިސާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ސަމާލުވާންޖެހޭ ކަމަށާއި، އެކަމަށް ޚާއްސަ ސަމާލުކަމެއް ފުލުހުންވެސް ދެމުންއަންނަ ކަމަށެވެ. އަދި ވައްކަން ކުރުމުގެ ފުރުޞަތު ކުޑަކުރުމާއި ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށް މިއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ދެފަރާތުގެ މެދުގައި މިވެވުނު އެއްބަސްވުމުގެ ދަށުން، އޭޓީއެމް ތަކަށް ފައިސާ ގެންދިއުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި އެއްތަނުން އަނެއްތަންނަށް ފައިސާ ގެންދިއުމުގައި ބަލަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ފުލުހުންގެ ފަރާތުން ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި މުވައްޒަފުން ތަމްރީނު ކުރުމާއި ރިސޯސް ޝެއަރ ކުރުމުގައި އެއްބާރުލުން ލިބިގެންދާނެއެވެ. ފަހުމުނާމާގައި ސޮއިކުރުމަށް އިއްޔެ ބޭއްވި މިރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އެސްބީއައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ