ޖިނާއީ މައްސަލަތަކުގެ މައުލޫމާތު، އެސްއެމްއެސްއެއްގެ ޒަރީއާއިން އެފަރާތަކަށް!

ފުލުހުންނަށް ހުށަހަޅާ ޖިނާޢީ މައްސަލަތަކުގެ ތަހުގީގުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އެ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ލިބޭނެ އިންތިޒާމް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ މީގެ ކުރިންވެސް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ހުށަހެޅުނުކަމާއި، އެ މައްސަލަ ކޭސްކުރާ ހިސާބުން، ކޭސް ނަމްބަރާއެކު މައްސަލަ ތަހުގީގު ކުރުމަށް ކަނޑައެޅޭ އިންވެސްޓީގޭޝަން އޮފިސަރުގެ މައުލޫމާތާއި ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ފައިލްކުރުމުންވެސް އެ މައްސަލަ ހުށަހަޅާފަރާތަށް އެ މައުލުމާތު އޮޓޮމޭޓެޑް ސިސްޓަމެއްގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ހިއްސާކުރަމުން ގެންދާ ކަމަށެވެ.
ނަމަވެސް، މިހާރު މި ގެނެވުނު ބަދަލާއެކު، ކުރިން ހިއްސާކުރަމުން ގެންދިޔަ މައުލޫމާތުގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
މި ޚިދުމަތަށް މި ގެނެވުނު ބަދަލާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ