ހުޅުމާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް 56 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފި

ހުޅުމާލޭގެ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 56 މިލިއަން ރުފިޔާގެ މަޝްރުއެއް ދިވެހި ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް އާ ހަވާލުކޮށްފި އެވެ.
ހުޅުމާލެ ޓާމިނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ނަމުގައި ކުރިއަށް ގެންދާ މި މަސައްކަތުގެ އެއްބަސްވުމުގައި ދެ ކުންފުނީގެ ފަރާތުން ސޮއިކުރީ އިއްޔެ އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ހުސެއިން ހިލްމީ އެވެ. ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި 11 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި އޮތް އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި ބޭރުގެ ބޯޓުފަހަރަށް 182.14 މީޓަރުގެ ކީވޯލް އަކާއި އެތެރޭގެ ދަތުރުތައް ކުރާ އުޅަނދުފަހަރަށް 129.92 މީޓަރުގެ ކީވޯލެއް ތަރައްގީކުރެވޭނެ އެވެ. އަދި އަށް މީޓަރަށް ބަނދަރު ފުން ވެސް ކުރާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. ހުޅުމާލެ ފެރީ ޓާމިނަލްގެ އިރުން އޮތް ސަރަހައްދުގައި އެމްޕީއެލް އިން ތަރައްގީކުރާ ބަނދަރުގެ ޖުމްލަ ބޮޑުމިނަކީ 39،014.14 އަކަމީޓަރެވެ.
"ހެވީ ފޯސް އިން ބަނދަރު ފުންކޮށް ޖެހިޖެހިގެން ދެ ކީވޯލް ތަރައްގީކުރާނެ. ބަނދަރުގެ އެއްގަމުގައި ތަރައްގީކުރަން ޖެހޭ ތަންތަން ހަދާނީ އެމްޕީއެލް އިން އަމިއްލަ އަށް،" އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބަނދަރު ނިމުމުން ހުޅުމާލެ އަށް މުދާ ގެންދަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ވެސް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް މުދާ ބޭލޭ ގޮތަށް މިހާރު އޮތް އޮތުން ބަދަލުވެ ހުޅުމާލެ އަށް ގެންދާ މުދާ ވިޔަފާރި ބަނދަރަށް އެކަނި ބާލާ ގޮތަށް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ މުދާ އުފުލާ ބޭލުމުގެ ރައްކާތެރިކަމަށް ބަލާއިރު ވެސް ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެމްޕީއެލް އިން ބުނީ ހުޅުމާލެ ވިޔަފާރި ބަނދަރު ތަރައްގީކުރެވުމުން މާލޭގެ ވިޔަފާރި ބަނދަރަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށެވެ. އަދި ފިނިކޮށް މުދާ އުފުލާ ރީފާ ކޮންޓޭނަރު ވެސް ހުޅުމާލެ ބަނދަރަށް ބާލައި ބެހެއްޓޭނެ އިންތިޒާމު މުސްތަގުބަލުގައި ހަމަޖެހިގެން ދާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ