ތެޔޮ ނުލިބިގެން ހުޅުމީދޫ ބަނދަރުގެ މަސައްކަތް ވެސް މެދުކެނޑިއްޖެ

ތަކެތި ނުލިބިގެން ސ. ހިތަދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮއްވައި، މަސައްކަތް ކުރާ އުޅަނދުތަކަށް އަޅާނެ ތެޔޮ ނުލިބިގެން ހުޅުމީދޫ ބަނދަރުގެ މަސައްކަތް ވެސް މެދުކެނޑިއްޖެ އެވެ.
ހުޅުމީދޫ އޮފީހުގެ ވަގުތީ ރައީސް އިބްރާހީމްދީދީ މިއަދު ވިދާޅުވީ އެ ރަށުގެ ބަނދަރުގެ މަސައްކަތް ހުއްޓިފައި ވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ކަމަށެވެ. އަދި މަސައްކަތް ހުއްޓިފައި ވަނީ އުޅަނދުތަކަށް ބޭނުންވާ ތެޔޮ އެ ރަށުން ލިބުން ދަތިވެގެން މަސައްކަތް ކުރިއަށް ނުގެންދެވިގެން ކަމަށް ސައިޓާ ހަވާލުވެ ހުންނެވި ލަންކާގެ އޮފިޝަލަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވި އެވެ.
ވޯކްސް ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ އައްޑޫގެ ތިން ބަނދަރުގެ މަސައްކަތް ކުރަނީ ލަންކާގެ ސެނެކް ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކުންނެވެ.
"ރަށުގައި ތެޔޮ ވިއްކާ ފަރާތަކުން އެ މީހުންނަށް މިހާތަނަށް ތެޔޮ ދޫކުރަމުން އައިސްފައި ވަނީ. އެގޮތުން މަހެއްގެއް މައްޗަށް 49،000ރ. ގެ ތެޔޮ ދޫކުރަމުން އައިސްފައި ވަނީ. އެހެން ނަމަވެސް އާދައިގެ ވިޔާފާރިއެއް ކުރާ ބަޔަކަށް އެ މީހުން ބޭނުންވާ ވަރަށް ތެޔޮ ދޫކުރުމުގައި ދަތިތަކެއް ހުރެގެން އެކަން ހުއްޓުނީ،" 32 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ ބަނދަރާ ބެހޭ ގޮތުން އިބްރާހީމްދީދީ ވިދާޅުވި އެވެ. "އެހެންވެ މިހާރު މައުލޫމާތު ލިބިފައި ވަނީ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ލަންކާ އިން މިކޮޅަށް ގެންނަން އުޅޭ ކަމަށް. އޭރުން އަނެއްކާ ވެސް މަސައްކަތް ފަށައިގަނެވޭނެ."
އޭނާ އިތުރަށް ވިދާޅުވީ ބަނދަރުގެ މަސައްކަތް މިހާރު ދާ ސްޕީޑަށް ބަލާއިރު ސާކް ސަމިޓަށް ބަނދަރު ނިމޭނެ ކަމަށް ލަފާ ނުކުރެއްވޭ ކަމަށެވެ. އެހެންވެ ސަމިޓު ތެރޭގައި ބޭނުން ކުރާނީ މީދޫ ބަނދަރުކަން ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށް އިބްރާހީމްދީދީ ވިދާޅުވި އެވެ.
މެއި މަހުގެ ތެރޭގައި ހުޅުމީދޫގައި މުޅިން އަލަށް، ދެ ރަށުގެ މެދަށްވާ ގޮތަށް ދިގުމިނުގައި 1،250 ފޫޓު އަދި ފުޅާމިނުގައި 300 ފޫޓު ހުންނަ ބަނދަރެއް ހަދަން ފެށި އިރު، މިހާތަނަށް ކުރެވިފައި އޮތް މަސައްކަތަކީ އެ ސަރަހައްދު ކޮނުމުގެ މަސައްކަތް އެކަންޏެވެ. އަދި އެ މަސައްކަތް ކުރަނީ އެންމެ ހައިމާކެއް ބޭނުންކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ