މުއިއްޒު ކުޅަދާނަ، ގާބިލު: ރައީސް ނަޝީދު

މާލެ ސިޓީގެ އިންތިހާބީ މޭޔަރު، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަކީ ވަރަށް ކުޅަދާނަ އަދި އެހާމެ ގާބިލު ބޭފުޅެއް ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު ވަނީ މީގެ ކުރިން ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް މިދިޔަ އަހަރު ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ޑރ. މުއިއްޒުއަކީ "މި ފަހުން މާލެ ހަލާކުކޮށްލުމުގެ އެންމެ އިސް މޭސްތިރި" ކަމަށާއި އެއީ "ހޮޅި މުއިއްޒު" ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ. އަދި ކުޑަވެސް ލަދެއް ހުރިނަމަ ރައްޔިތުން ގާތަށް ވޯޓު ހޯދަން ދާން ނުކެރޭނެކަމަށް ނަޝީދު އެރޭ ވިދާޅުވިއެވެ. އަދި މުއިއްޒުއަށް މާލޭ މޭޔަރުކަން ދިނުމަކީ "ޑްރެކިއުލާއަށް ބްލަޑްބޭންކް ދިނުން"ކަމަށްވެސް ކެމްޕޭނުގެ އެކި ޕްލެޓްފޯމްތަކުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާގު ބަދަލުވެ، ނަޝީދު މުއިއްޒަށް ތައުރީފު ކުރެއްވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މުއިއްޒަކީ ވަރަށް ރަނގަޅު، ވަރަށް ކުޅަދާނަ، ވަރަށް ގާބިލް، ކެންޑިޑޭޓެއް،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ މުއިއްޒަށް މަރުހަބާ ދަންނަވައި، އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް މިއަދު ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މުހިންމީ އިންތިހާބުވާ މީހާ ނޫން ކަމަށާއި، ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށެވެ. އެމްޑީޕީގެ ކެންޑިޑޭޓު، އަނަސް އަބްދުއްސައްތާރާ ވާދަކޮށް މުއިއްޒު މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. މީގެކުރިން ނަޝީދު ވިދާޅުވެފައި ވަނީ އަނަސް އާ ވާދަކުރައްވާ އިދިކޮޅުގެ ކެންޑިޑޭޓަށް މާލެއިން 1500 ވޯޓުވެސް ނުލިބޭނެ ކަމަށާއި، މާލެއިން އަނަސް އަށް 12،000 ވޯޓު ލިބޭނެކަން ޔަގީންވާ ކަމަށެވެ. އަނަސްއަށްވެސް ތައުރީފު ކުރައްވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ، އަނަސްއަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ގާބިލު ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީން މިހާތަނަށް އިންތިހާބުތަކުގައި ނެރެފައި ތިބޭނީ އެންމެ އެކަށީގެންވާ ކެންޑިޑޭޓުން ކަމަށެވެ. އެމްޑީޕީން ކެންޑިޑޭޓުން ނެރެނީ އެތެރޭގެ އިންތިހާބަކަށް ފަހު ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެހެންކަމުން އެމްޑީޕީން ނުކުންނާނީ އަބަދުވެސް އެންމެ ގާބިލު މީހާ ކަމަށެވެ. "އަޅުގަނޑު ދެކެނީ އަނަސްއަކީ ވަރަށް އެކަށީގެންވާ ވަރަށް ރަގަޅު ކާމިޔާބު ސިޔާސީ ބޭފުޅަކަށް ވާނެ. އަދި އަޅުގަނޑު ދެކޭގޮތުގައި އަނަސް އެއްގޮތަކަށް ވެސް އުންމީދު ނަންގަވާލައްވާކަށް ނުވޭ. އެބޭފުޅާގެ ސިޔާސީ ހަޔާޔެއް އެބަ އޮތް. އަދި ވަރަށް ޒުވާން. ވަރަށް ޅަ. އެހެންވީމަ މާބޮޑަށް ވެސް ކުރިއަށް ވަޑައިގެންނެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ