އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލުތަކަށް ސަމާލުވޭ!

އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލުތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަމަރުންނަށް ގުޅަމުން އަންނަ ކަމަށެވެ.
ނަމަވެސް ބީއެމްއެލުން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ކަމަށާއި އަދި އެކައުންޓުގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނުބުނާނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
އަދި ހާއްސަކޮށް ބޭންކުން މޮަބައިލް ނަންބަރު ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
"އެހެންކަމުން އެންމެހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކުރަމެވެ. ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އިލްތިމާސް ކުރަމެވެ." ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
ބީއެމްއެލުން އިތުރަށް ވަނީ، ބޭންކުން ކަމަށް ބުނެ އަންނަ އެފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކަށް އެ މައުލޫމާތު ވީހާ ވެސް އަވަހަކަށް ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ