ފަޅިމޫނު - 40

(1 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ދައްތަ ބޭނުންވާ ގޮތަކީ ދައްތަގެ ދަނބިދަރިއަށް އަހަރެން ދުވަހަކުވެސް ނުފެންނަގޮތް ވުން. އެއީ ކިހިނެއް ވާނޭ ކަމެއް؟ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ތަނަކުން ދިމާވާނެ."
"ކޮއިފުޅާ. ދައްތަ މިއައީ ތިޔަ ވާހަކަ ދައްކާން ވެގެން. އާދޭސްކޮށްފައި މި ބުނަނީ. ރުޚްސާނާއަށްޓަކައި މިހާރުވެސް ވަރަށް ގިނަ ކަންތައް ކޮށްދީފީމު. އިތުރު އެހެން ކަމެއްވެސް ކޮށްދީ. މީގެ ފަހުން މޫނުބުރުގާ އަޅައިގެން އުޅޭ."
ފަރުޒާނާ ތެދުވެއްޖެއެވެ. "ތިޔައީ ކޮން ކަހަލަ ވާހަކައެއް. މުޅި އުމުރު ދުވަހު މޫނު ފޮރުވައިގެން އަހަރެން އުޅެންވީ ކީއްވެގެން؟ މޫނުބުރުގާ އެޅުމަކީ އަހަރެން ކުރަން ބޭނުންވާ ކަމެއް ނޫން. އަޅަންވީވެސް ކީއްވެގެން؟ އަހަރެންގެ ލަދުހަޔާތް ކެނޑި، އަހަރެންގެ މަންމަ ލަދުގަންނަ ފަދަ ދަރަޖައަކަށް އަހަރެންގެ ސުލޫކު ވެއްޓިގެން ދިޔައީމާ، މަންމަ އަހަރެން ފޮރުވައިގެން ގެންގުޅެން ބޭނުންވާ ހާލަތެއް އަތުވެއްޖެ ނަމަ އަހަރެން މޫނުބުރުގާ އަޅައިފާނަން. އެކަހަލަ އެއްވެސް އުނިކަމެއް މިހާރަކު އަހަރެންގެ ކިބަޔަކު ނެތް. އެހެންވީމާ އަހަރެން މޫނުބުރުގާ އަޅައިގެން އުޅެން ޖެހޭ ސަބަބެއް ނެތް."
ރުޚްސާނާ ބުންޏެވެ. "ފަރީ އަދިވެސް ތިޔައިނީ ރުޅި އައިސްފައި. ވޭތުވެދިޔަ ތާނގެ ލޯބީގެ މަތީން ހަނދާން ނައްތައިލީތާ."
"އަހަރެންގެ ބޮލުގައި އިލްޒާމު ނާޅުވާ. އަހަރެން މިފަދަ ގޮތަކަށް ވިސްނާން ޖެހުނީ ރުޚްސާނާ އަހަންނަށް މަޖުބޫރު ކުރީމާ. ރުޚްސާނާގެ ކިބުރުވެރިކަމާއި ރުޅިވެރިކަން ހައްދުން ނެއްޓިގެން ދިޔައީ. އަހަރެންގެ ގަޔަށް ކިސަޑު އުކަމުން ދިޔައީ އެއްވެސް ޖެހިލުމެއް ނެތި. އޭރަކު ރުޚްސާނާގެ ހިތަކު ތިޔަ ބުނާ ލޯތްބާއި މުރުއްވަތްތެރިކަމެއް ނެތް. ފާއިތުވެދިޔަ ވާހަކަތައް ހަނދާންކުރަން ނޫޅެ، މި ވަގުތު ބޭނުން ވެގެން އުޅޭ ކަމެއްގެ ވާހަކަ ދައްކާ."
"އަހަރެން ބުނަން ބޭނުންވާ ވާހަކައަކީ އަހަރެންގެ ކާވެނި ސަލާމަތް ކުރަން ކުރަން ހުރި ކަމެއް ކުރުމުގެ ބާރު މި ވަގުތު އޮތީ ފަރީއަށޭ. ބާދްޝާއަށް ނުފެނި އުޅެވޭނީ މޫނުބުރުގާ އަޅައިގެން. އެހެންވީމާ މޫނުބުރުގާ އަޅާ. ފަރީގެ ހެޔޮކަން އަހަރެން ދުވަހަކުވެސް ހަނދާންނައްތައެއް ނުލާނަން."
"ރުޚްސާނާ ތިޔަ ދައްކަނީ އަހަރެންގެ މިޒާޖާ މުޅީން ޚިލާފު ވާހަކައެއް. ބާދްޝާ ޖާނީއާ ދުރުގައި އުޅެން އަހަރެން ވައުދުވަން. އޭނާއަކަށް ނުފެންނާނަން. ފަހަރެއްގައި ދިމާވިޔަސް ނުދަންނަ މީހަކު ކަމުގައި ހެދިގަންނާނަން. ބީރައްޓެއްސަކަށް ވެގަންނާނަން."
"މޫނުބުރުގާ އެޅީމާ ބީރައްޓެސްކަށް ވާން ޖެހޭ ހާލަތެއް ނާންނާާނެ. އަހަރެން މި ބުނަނީ އުމުރު ދުވަހު މޫނުބުރުގާ އަޅައިގެން އުޅޭށެކޭ ނޫން. މި ދައްކަނީ ދުވަސްކޮޅަކަށް މޫނު ފޮރުވައިގެން އުޅުމުގެ ވާހަކަ. ހާލަތު ރަނގަޅުވެ، ބާދްޝާ ގާތު ހުރިހައި ވާހަކައެއް ތެދަށް ކިޔައިދެވެންދެން މޫނުބުރުގާ އަޅައިގެން އުޅުމުގެ ވާހަކަ. ހުރިހައި ކަމެއް ހަމައަކަށް އެޅުނީމާ ބުރުގާ ނަގައި އެއްލައިލާ. ﷲ އަށްޓަކައި އަހަރެންގެ މި އެދުން ފުއްދައިދީ. ފަރީގެ ހެޔޮކަން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން."
"ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމަށް ވަންޏާ އަހަރެން ކޮށްފާނަން. އެކަމަކު އަބަދުވެސް ހަނދާންކުރާތި. އެންމެ ފުރަތަމަ ދުވަހު ފަރުޒާނާއަށް ވެގެން ބާދްޝާއާ އިން އިނުމަކީ ރުޚްސާނާ އަމިއްލަ ފައިގައި ފުރޮއިން ޖެހުން. ފުރަތަމަ ދުވަހު ހުރިހައި ވާހަކައެއް ތެދު ބަހުން ކިޔައި ދިނުމަކީ ރުޚްސާނާ ކުރަން ޖެހިފައި ނުކޮށް ދޫކޮށްލި ކަމެއް. ބާދްޝާއަކީ ރަނގަޅު މީހެއް. ހިތުގައި ރަހުމު ހިނގާ މީހެއް. ގޮތްދޫނުކުރުން ހުރި ކަމުގައި ވިޔަސް ސީދާސާދާ މީހެއް. އޭނާ ރުޚްސާނާއާ ރުހުނީސްކަން ޔަގީން. އެކަމަކު ރުޚްސާނާ އޭނާއަށް ދެއްކީ އަހަރެން. ފުރަތަމަ ދުވަހުން ފެށިގެން އަދާ ހަމައަށްވެސް އޭނާގެ ސިކުނޑިއަށް ވެރިވެފައި ވަނީ އަހަރެން. ރުޚްސާނާ ތިޔަ ވަނީ އޭނާގެ ސިކުނޑިއަށް އަހަރެން ވައްދާފައި. ދެން ދުވަސްކޮޅަކުން އެ ސިކުނޑިން އަހަރެން ބޭރުކޮށްފައި ރުޚްސާނާއަށް ޖާގަ ދޭނޭކަމަށް ގަބޫލު ކުރަނީ ކީއްވެގެން؟ އެ ޖާގަ ހެދުމުގެ ފުރުސަތު ނަގައިލީ ރުޚްސާނާ އަމިއްލައަށް. އެ ފުރުސަތު ދެން ލިބޭނޭ ހެންނެއް ހިޔެއް ނުވޭ."
ރުޚްސާނާ ރުޅިވެރިކަމާއެކު ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި އިސް ދަށަށް ޖަހައިލިއެވެ. މިއީ އޭނާއަށް ރުޅިވެރިކަން ދެއްކޭން އޮތް ވަގުތެއް ނޫނެވެ. މިހާރު އޭނާއަށް ވަނީ ފަރުޒާނާގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައެވެ.
ފަރުޒާނާ ބުންޏެވެ. "މިހާރު ތިޔަ އިނީ އަހަރެން ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައިކަން އަހަންނަށް އެނގޭ. އަހަރެމެން ދެމީހުން އެކީގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ. ރުޚްސާނާގެ މިޒާޖާއި އާދަތައް ހުންނަ ގޮތް އަހަރެން ވަރަށް ރަނގަޅަށް ދަންނަން. އެ ވާހަކަ ބާއްވާފައި އެހެން ވާހަކައެއް ބުނަންތަ؟ ބާދްޝާ ޖާނީގެ ކުރިމައްޗަށް ނުކުތުމަކީ މިހާރު ޚުދު އަހަރެންވެސް ބޭނުންވާ ކަމެއް ނޫން. އޭނާގެ މިޒާޖަކީ ދީވާނާ މިޒާޖެއް. އަހަރެންގެ ފަހަތުން އަޅައިގެންފިއްޔާ ދައްކާނޭ ވާހަކައެއް އަހަންނަކަށް ނޭނގޭނެ. އަރައިނުގަނެވޭ ވަރުގެ ބޮޑު ކުޅިވަރަކަށް އަހަރެން ވެގެން ހިނގައިދާނެ. އެހެންވީމާ މިހާރު އަހަރެންވެސް ގަސްތުކުރަނީ ބާދްޝާއާ ދިމާވުމުގެ ފުރުސަތު އޮތް ތަނަކަށް ދާން ވެއްޖެނަމަ މޫނުބުރުގާ އަޅައިގެން ދާން. މިސާލަކަށް ރުޚްސާނާ ކޮލެޖަށް ލާށާއި ބަލައި އައުމަކީ ބާދްޝާ ކުރާނޭ ކަމެއް. އަހަރެން ކޮލެޖަށް ދާނީ މޫނުބުރުގާ އަޅައިގެން. މި އަވަށުގައި އުޅޭއިރު ބޭރަށް ނުކުތުމުގެ ކުރިން ބޭރު ބަލައި އަމާންތޯ ކަށަވަރު ކުރާނަން. އޭނާގެ ކާރު ތިޔަގޭ ދޮށުގައި އޮތްތޯ ނެތްތޯ ބަލާނަން. އޭނާ މި އަވަށަށް އައިސް އުޅޭކަން އެނގިއްޖެއްޔާ ގެޔަކުން ނުނުކުންނާނަން. ނުކުންނާން ކޮންމެހެން ޖެހުނަސް ނުކުންނާނީ އޭނާއަށް ނޭނގޭ ކަހަލަ ގޮތަކަށް. މިވަރުން ހިތްހަމަ ޖެހޭތަ؟"
ރުޚްސާނާގެ މަންމަ ބުންޏެވެ. "އާނ... ކޮއިފުޅާ. ތިޔަވަރުން ވާނެ. އަހަރެމެންވެސް މަސައްކަތް ކުރާނީ ބާދްޝާ މި އަވަށަށް ނާންނަ ގޮތެއް ހެދޭތޯ. ކޮލެޖު ދޮށަށްވެސް ނުފޮނުވައި ވޭތޯ ބަލާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ."
ދެމައިން އެގެއިން ނުކުމެގެން ހިނގައްޖެއެވެ. ފަރުޒާނާ ހިނިތުންވާން ފަށައިފިއެވެ. މޫނުމަތީން ފެންނަނީ އުފާވެރިކަމުގެ އަސަރެވެ. ހިތަށް ވެރިވެފައި ވަނީ އަޖައިބެއް ކަހަލަ ކާމިޔާބީއެއްގެ އިހުސާސެކެވެ. މަންމަ ކަންބޮޑުވެފައި ބުންޏެވެ. "ދަރިފުޅު މާ އުފަލަކުން ހުރި ކަމަށް އެބަފެނޭ. ދަރިފުޅު ކަމުގައި ހިތައި އޭނާ ރުޚްސާނާ ގަބޫލު ކުރީމާ ދަރިފުޅު ކަންބޮޑެއް ނުވޭތަ؟ އޭނާ ލޯބި ވަނީ ދަރިފުޅު ދެކެ. އެއީ ރަނގަޅު ގޮތެއް ނޫން."
"މަންމާ. އަހަރެން ދެކެ ލޯބިވާށެކޭ އަހަރެން އޭނާ ގާތަކު ނުބުނަން. އޭނާ ލޯބިވާ ކަމުގައި ވަންޏާ އެއީ އޭނާގެ އަމިއްލަ ކަމެއް. އޭނާގެ އެ ލޯބީގައި ވަރު ހިއްޕައިލީ ރުޚްސާނާ. ރުޚްސާނާ ފަރުޒާނާއަށް ވެގެން ދިރިއުޅޭހައި ދުވަހަކު އޭނާގެ ކުރިމަތީގައި އެނބުރޭނީ އަހަރެން. އެއީ ބާދްޝާ ޖާނީގެ ކުށެއް ނޫން. އަހަރެންގެ ކުށެއްވެސް ނޫން. ކުށް އޮތީ ރުޚްސާނާގެ ބޮލުގައި. ވިސްނައި ދިނީމާވެސް އޭނާ އެހެރީ އެ ކުށުގެ މަތީގައި ގާއިމުވެގެން."
"އޭނާއަށް ކުށުގެ އިހުސާސް ނުކުރެވުނު ކަމުގައި ވިޔަސް ،މަންމަ ވަރަށް ބޮޑަށް އެބަ ބިރުގަނޭ. ކުލީކާރު ދުއްވާ މީހުންނަކީ ވަރަށް ވިޔާނުދާ ހަރުކަށި ބައެއް. މަގުމަތިން ދިމާވެގެން އޭނާ ދަރިފުޅު ހިފަހައްޓައިފިއްޔާ ހަދާނީ ކިހިނެއް؟ ދަރިފުޅުގެ ބޮލުގައި ދޮގުވެރިކަމުގެ އިލްޒާމު އަޅުވައިފިއްޔާ ހަދާނީ ކިހިނެއް؟ ދަރިފުޅަށް ހާނީއްކައެއް ކޮށްފިއްޔާ ހަދާނީ ކިހިނެއް؟"
"އާނ މަންމާ. ތިޔަ ކަމާ އަހަރެންވެސް އެބަ ވިސްނަން. އަހަރެން މިހިރީ ބާދްޝާއަށް މަކަރު ހަދާފައި. އެ މަކަރުގެ އަދަބު އަހަންނަށް ލިބެންވެސް ވާނެ. އެކަމަކު މައްސަލަ ބޮޑުވެ، އަތުން ދޫވެގެން ނުގޮސް ވޭތޯ އަހަރެން މަސައްކަތް ކުރާނަން. ދިމާ ވެއްޖެއްޔާ ހަދާނޭ ގޮތަކާ މެދު ފަހުން ވިސްނާނީ."
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރަކާއި ދެމަސް ދުވަސް ފަހުން ބާދްޝާ ފެނިއްޖެއެވެ.
ފަރުޒާނާ އިނީ ރެކިސާއެއްގައެވެ. އިމްޕީރިއަލް މާކެޓު ހުރަސް ކުރަމުން ދަނިކޮށް ކުއްލިއަކަށް އިވުނީ މީހަކު ގޮވައިލީ އަޑެވެ.
"ރުޚްސާނާ."
އޭނާ ދިޔައީ ސިއްސައިގެންނެވެ. ރަށު އެންމެން އެކީގައި ހަޅޭއް ލަވަމުން ދަނިކޮށް އެ އަޑުފަށްގަނޑުގެ ތެރެއިން އިވުނު ކަމުގައި ވިޔަސް އޭނާއަށް ބާދްޝާ ޖާނީގެ އަޑު އެނގޭނެއެވެ. އެ އަޑަށް ކިތަންމެ ރެއަކު އޭނާއަށް ނިދީން ހޭލެވެއެވެ. އޭނާގެ ހިތުގެ ތެރޭގައި ގުގުމާފައި ހުންނަ އަޑަކީ އެއީއެވެ. އެހެންވީމާ ކުއްޖަކު ހިތު ދަސްކޮށްފައި އޮންނަ ފިލާވަޅެއް ފަދައިން އޭނާއަށް ހުންނަނީ އެ އަޑު ފަރިތަ ވެފައެވެ.
އެ ދުވަހުވެސް އަޑު ޖެހުމާއެކު އޭނާއަށް އެނގިއްޖެއެވެ. ބޭއިޚްތިޔާރުގައި އެނބުރި ފަހަތަށް ބަލައިލެވިއްޖެއެވެ. އޭނާ ހުރީ ތަންކޮޅެއް ދުރުގައެވެ. އަތް އުފުލާފައި ހަޅޭއް ލަވަނީއެވެ. "ރުޚްސާނާ. މިކޮޅަށް ބަލައިލަބަލަ. މިއީ ބާދްޝާ ޖާނީއޭ."
ބާދްޝާ ޖާނީ ދުއްވައިގެންފިއެވެ. މީހުން ކޮއްޕަމުން، އެއް ފަރާތް ކުރަމުން ރެކިސާއާ ދިމާއަށް ދުވެފައި އަންނާން ފަށައިފިއެވެ. ގޮވަމުން ހަޅޭއް ލަވަމުންނެވެ. އެ އަޑުގައި ވަނީ އާދަޔާ ޚިލާފު ޖަޒުބާތެކެވެ. ލޯތްބެކެވެ. ރިހުމެކެވެ. ފަރުޒާނާގެ ހިތް ތެޅޭން ފަށައިފިއެވެ. ރެކިސާ ހުއްޓުވާފައި ފައިބައިފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު ގަންނާކުރައްވާ ބިރަކުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވީމާ ރެކިސާ ހުއްޓުވާކަށް ނޫޅުނެވެ. އޭނާގެ އެދުމާއި ލޯތްބަކީ ހިތަށް އުފާވެރިކަން ގެނުވައިދޭ ކަމަކަށް ވީނަމަވެސް ބިރުވެރި ކަމަކަށްވެސް ވަނީ ވެފައެވެ. އޭނާގެ ހިތަށް އެރިއެވެ. މަގުމަތީގައި ތިބި އެންމެންގެ ކުރިމަތީގައި ބާދްޝާ ޖާނީ އަހަންނާ ދިމާއަށް ބަވައިގަންނާނެއެވެ. ދޮގު ހެދިކަމަށް ބުނާނެއެވެ. އެހެން ވެއްޖެނަމަ އަހަރެން ލަދުން މަރުވާނެއެވެ. އެއްޗެހި ނުކިޔައި އަހަރެން ނަގައިގަނެގެން ގެންގޮސްފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިކަހަލަ ބިރުވެރި އެތައް ޚިޔާލެއް އޭނާގެ ސިކުނޑީގައި އެނބުރިގެންފިއެވެ. އޭނާ ތަންކޮޅެއް ދުރަށް ގޮސްފައި ގޯޅިއެއްގެ ތެރެއަށް ރެކިސާ ވަނީމާ ފައިސާ ދީފައި އަވަހަށް ފައިބައިފިއެވެ. ބާރަށް ހިނގާފައި ގޮސް ބޮޑު މަގަށް ނުކުތްއިރު ބަހެއް އައިސް މަޑުކުރަނީއެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބަހަށް އަރައިފިއެވެ. ސަލާމަތް ވެއްޖެކަމުގެ އިހުސާސް ކުރެވުމާއެކު އޭނާ ދެރަވެސް ވެއްޖެއެވެ. ހިތަށް އެރިއެވެ. ސަލާމަތްވީ ކީއްކުރަން ހެއްޔެވެ؟
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ