ތިންވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފިއެވެ.
ލީގުގައި ބުދަ ދުވަހުގެރޭ ތާވަލުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީ ވަނީ އެވަޓަން އަތުން 2-1 ން ބަލިވެފައެވެ. އޭގެ ފައިދާ ނަގައި ޗެލްސީއަށް ތިންވަނައަށް އަރަން ފުރުސަތު ލިބުނު ނަމަވެސް، ވެސްޓް ހޭމް އަތުން ޗެލްސީ ވަނީ ބަލިވެފައެވެ. މި މެޗުން ޗެލްސީ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާތަކަށް ފަހު ލެސްޓާ ތިންވަނައިގައި އޮތީ 32 މެޗުން 55 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 32 މެޗުން 54 ޕޮއިންޓު ލިބިފައިވާއިރު، ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަވަނައިގައި އޮތް ވުލްވްސްއަށް ވަނީ 32 މެޗުން 52 ޕޮއިންޓު ލިބިފައެވެ. އަދި ވެސްޓް ހޭމްގެ މި މޮޅާއެކު، އެ ޓީމަށް ވަނީ ރެލިގޭޝަނުން ސަލާމަތްވާން އުންމީދެއް ލިބިފައެވެ. ވެސްޓް ހޭމް އޮތީ ތާވަލުގެ 16 ވަނައިގައި 32 މެޗުން 30 ޕޮއިންޓާއެކުއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ތޯމަސް ސޫޝެކް އެންމެ ފުރަތަމަ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.
މެޗުގައި ޗެލްސީން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗަށް ކުރި ފައުލަކާ ގުޅިގެން އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވިލިއަން އެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެސްޓް ހޭމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޫޝެކްއެވެ.
ދެވަނަ ހާފު ވެސްޓް ހޭމުން ވަރުގަދަކޮށް ފެށިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިކޭލް އެންޓޯނިއޯއެވެ. އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ވިލިއަން ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ވެސްޓް ހޭމް މޮޅުވީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެންޑީ ޔާމޮލެންކޯ ކާމިޔާބުކުރި ލަނޑުންނެވެ.
މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ އާސެނަލް ވަނީ ނޯވިޗް އަތުން ފަސޭހަކަމާއެކު މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އާސެނަލުން ލީޑު ނެގީ މެޗުގެ 33 ވަނަ މިނެޓުގައެވެ. ނޯވިޗްގެ ގޯލްކީޕަރު ޓިމް ކްރުލް ހެދި ގޯހެއްގެ ފައިދާ ނަގައި އާސެނަލަށް ލީޑު ނަގައިދިނީ ޕިއޭ-އެމެރިކް އޮބާމަޔަންއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޮބާމަޔަން ދިން ޕާހަކުން ގްރޭނިޓް ޝާކާ ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައިވެސް އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، 67 ވަނަ މިނެޓުގައި އޮބާމަޔަން ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ސެޑްރިކް ސޮއާރޭސްއެވެ.
މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ ހަތްވަނައިގައި 32 މެޗުން 46 ޕޮއިންޓާއެކުއެވެ. އާސެނަލް އަތުން ބަލިވި ނޯވިޗް އޮތީ ތާވަލުގެ ފުލުގައި 32 މެޗުން 21 ޕޮއިންޓާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ