ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިއެއްގައި މުދާ އުފުލޭނެ

ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިއެއްގައިވެސް މާލެތެރޭ މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ. އެ އޮތޯރިޓީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ އަދި ހުޅުމާލޭގައި 11:30 އިން 13:30 އަށް 350 ކިލޯއިން ފެށިގެންމަތީގެ އެއްވެސް އުޅަނދެއްގައި މުދާ އުފުލުން މަނާކޮށްފައިވާ އޮތް ނަމަވެސް، އިއްޔެ އިން ފެށިގެން ސުކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އީދު ބަންދަށް ފަހު ސްކޫލުތައް ހުޅުވަން ނިންމާފައި އޮތީ އޮގަސްޓު ނުވަޔެއްގައެވެ. ނަމަވެސް މާލޭގައި ކޮވިޑް19 ފެތުރެމުންދާ ނިސްބަތަށް ބަލައި އެޗްޕީއޭގެ ލަފާގެ މަތިން އެޑިޔުކޭޝަނުން ނިންމާފައިވަނީ މާލެ ސަރަހައްދުގެ ސްކޫލުތައް ކުރިއަށް އޮތް ދެ ހަފްތާ އަށް ބަންދުކޮށް އޮންލައިން ކޮށް ކިޔަވައި ދިނުމަށެވެ. އަދި ސްކޫލު ހުޅުވުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ދެ ހަފްތާ ފަހުން، ބަލި ފެތުރޭ މިންވަރަށް ބެލުމަށް ފަހުކަމަށް އެޑިޔުކޭޝަނުން ބުންޏެވެ. ކޮވިދް19 ފެތުރޭ މިންވަރު އިތުރުވެ، ބަލި ކޮންޓްރޯލު ކުރުމަށް އެޗްޕީއޭ އިން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރެއިން ފެށިގެން ކޮންމެ ރެޔެއްގެ 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި މަގުމައްޗަށް ނިކުތުމާ ދުއްވާތަކެތި ދުއްވުން ވަނީ މަނާކޮށްފައެވެ. މިއާއެކު މި ވަގުތުތަކުގައި މުދާ ބަރުކޮށްގެން އުޅަނދު ދުއްވުންވެސް މަނާވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ