ޗައިނާ އާއި އިންޑިޔާ ފައިސާ ކޮތަޅެއްގައި ތާށިވެފައި

ޗައިނާގެ އަސްކަރީ ޓްރޫޕް ތަކުން ޖޫން 15 ވަނަ ދުވަހު އިންޑިޔާގެ 20 ސިފައިން ގަލްވާނުގައި މަރާލާފައިވާއިރު ޖުލައި މަހު އިންޑިޔާއިން ވަނީ ޗައިނާގެ 59 އެޕްތަކެއް އެގައުމުގައި ބޭނުންކުރުން މަނާކޮށްފަ އެވެ. އިންޑިޔާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދެރާ މޯދީގެ ސަރުކާރުން ހާމަކުރެއްވި ގޮތުގައި އިންޑިޔާއިން ވަނީ ޗައިނާގެ ބޮޑު ހިއްސާއެއް އޮންނަ ބޭންކަކުން ދެލޯނު ނަގާފައެވެ. އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭ އައި ބީ) އިން ނަގާފައިވާ މިދެލޯނުގެ ޖުމްލަ އަދަދު 1350 މިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޗައިނާއަށްފަހު ދެން އެންމެ ބޮޑު ހިއްސާއެއް މިބޭންކުގައި އޮންނަނީ އިންޑިޔާއަށެވެ. އެހެންކަމުން މިގޮތަށް ލޯނެއް ނެގުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ ޚާއްސަކޮށް މިލޯނުތައް ނަގާފައިވަނީ ކޮވިޑާއި ގުޅިގެން އިންޑިޔާގެ ސޯޝަލް ރެސްޕޮންސް ޕްރޮގްރާމުގެ ބޭނުންތަކަށް ކަމަށްވާތީ އެވެ.
މިގޮތުން ފުރަތަމަ ލޯނަކަށް 750 މިލިޔަން އެމެރިކާ ޑޮލަރު ނަގާފައި ވަނީ ގަލްވާނުގައި އިންޑިޔާ ސިފައިން މަރާލިތާ 4 ދުވަސް ފަހުންނެވެ. މިލޯނު ނަގާފައިވަނީ 2016 ވަނަ އަހަރު މޯދީ ސަރުކާރުން ލޯންޗުކޮށްފައިވާ ސްކީމެއްގެ ބަޖެޓަށެވެ. އެއީ މިވަގުތު އިންޑިޔާގައި ކޮރޯނާ ވައިރަސްއާއި ގުޅިގެން ރިލީފް ޕެކޭޖުތައް ފޯރުކޮށްދެމުން ދަނީ މި ސްކީމްގެ ދަށުން ކަމަށްވާތީ އެވެ.
މޭ މަހު ޗައިނާއާއި މައްސަލަތައް ހޫނުވެފައިވާ ދަނޑިވަޅުގައި އިންޑިޔާ ސަރުކާރުން ވަނީ އޭއައިބީއިން ދެވަނަ ލޯނެއް ނަގާފަ އެވެ. 500 މިލިޔަން އެމެރިކާ ޑޮލަރުގެ މިލޯނުވެސް ނަގާފައިވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމާއި ގުޅިގެންނެވެ.
އިންޑިޔާއިން ނަގާފައިވާ ލޯނުތަކުގެ ހުރިހާ މައުލޫމާތެއް ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޖޫނިއަރ ފައިނޭންސް މިނިސްޓަރު އަނޫރާގް ޓާކޫރުވަނީ ހާމަކޮށްފައެވެ. މިލޯނުތަކުގެ ފައިސާއާއި, ޚަރަދުތަކާއި ބެހޭގޮތުން މަޖިލީހުގެ ބީޖޭޕީގެ މެމްބަރުން ވަނީ ސުވާލުކޮށްފަ އެވެ.
އޭއައިބީ ބޭންކުގެ މައިގަނޑު އަމާޒަކީ އޭޝިއާ ސަރަހައްދުގެ ގައުމުތުގެ އިޖްތިމާއީ އަދި އިގްތިސާދީ ފެންވަރު ރަނގަޅުކުރުމަށް އެހީވެ ދިނުމެވެ. ޖެނުއަރީ 2016 ގައި މިބޭންކުގެ މަސައްކަތްތައް ފަށާފައިވާއިރު މިހާރު އެބޭންކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުއްދަ ލިބިފައިވާ 103 މެމްބަރުން ތިބެ އެވެ. އެބޭންކުގައި ޗައިނާގެ 26.61 އިންސައްތަ ހިއްސާ އޮންނަ އިރު އިންޑިޔާ އަށް އޮންނަނީ 7.6 އިންސައްތަ އެވެ. މިބޭންކުގެ ހިޔާލު އެންމެ ފުރަތަމަ ދެއްވާފައިވަނީ 2013 ވަނަ އަހަރު ޗައިނާގެ ރައީސް ޒީ ޖިމްޕިންގ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ