ސަރުކާރަށް ކޮރަޕްޝަން "އޯކޭ" ވެއްޖެ: ޖަމީލު

ސަރުކާރަށް ކޮރަޕްޝަން މިހާރު "އޯކޭ" ވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރު ވެފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.
އަދި ޚިޔާނާތް ވެސް މިހާރު ފެޝަނަކަށް ވެފައިވާ ކަމަށާއި ބޮޑެތި ތުހުމަތުކުރެވޭ ފަރާތްތައް ތިބީ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލާފައި ކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލު ވިދާޅުވިއެވެ.
"ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ" ޖަމީލު ވިދާޅުވިއެވެ.
މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރުވެއްޖެ. ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް. ޚިޔާނާތް ފެޝަނަކަށްވެއްޖެ. ބޮޑެތި ތުހުމަތުކުރެވޭ ފަރާތްތައް ތިބީ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލާފައި. ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ. pic.twitter.com/4KKWs5WvHZ
— Mohamed Jameel Ahmed (@MJameelAhmed) September 28, 2020
ޖަމީލު މިހެން ވިދާޅުވިއިރު ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓުން ފާހަގަވި ކަންކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަގާމުން އެކަހެރިވެ ވަޑައިގެންފައެވެ. އެ މައްސަލަ އޭސީސީންނާއި ފުލުހުން ވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ހެލްތު މިނިސްޓްރީ ހިންގަވަން އެ ދާއިރާއާ ގުޅުންހުރި މިނިސްޓަރެއް ނެތުމުގެ ކަންބޮޑުވުން ބައެއް އާންމުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ