ލޯންޗުތަކުގައި ރޯ ކޮށްލި ކަމަކަށް ނުބެލެވޭ: ކައުންސިލް

ރޭ ފަތިހު އދ. މަހިބަދޫ ބަނދުރުތެރޭގައި ހުރި ލޯންޗުތަކުގައި ބަޔަކު އަލިފާން ރޯ ކޮށްލި ކަމަށް ނުބެލެވޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ، މަަހިބަދޫ ފަޅުގައި އަޅާފައިވާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ، މިއަދު ފަތިހު 5:45 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާގައި ފަސް ލޯންޗަކާއި ދެ ޑިންގީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަލިފާން ރޯވި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ލޯންޗަކާއި އަތޮޅު ކައުންސިލްގެ ލޯންޗަކާއި ސީއެމްބިއުލެންސް އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، އެޗްއެމްއެޗްގެ ދެ ލޯންޗު އަދި އަމިއްލަ މީހެއްގެ ދެ ޑިންގީ އެވެ. އެކަމާ ގުޅިގެން މަހިބަދޫ ކައުންސިލްގެ ނައިބް ރައީސް ބުންޔާމީން ހަސަން 'ސަން' އަށް ވިދާޅުވީ، ލޯންޗުތަކުގައި ބަޔަކު ރޯކޮށްނުލާނެ ކަމުގެ 99 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ސަބަބަކީ އެ ރަށުގެ ރައްޔިތުންނަކީ އެއްބައިވަންތަ އެކުވެރި ބައެއް އުޅެމުންދާ ރަށަކަށް ވުމުން ކަމަށެވެ. ލޯންޗުތަކުގައި ރޯވި އަސްލު ސަބަބު އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހުގައި ކަން ބުންޔާމީން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ރަށު ޕޮލިސް ސްޓޭޝަން ހުންނަނީ ބަނދަރާއި ކައިރި ލޯންޗުތަކުގައި ރޯވި ހިސާބުގައި ކަމަށެވެ. އެ ހިސާބުގަނޑުގައި ހުރި ފުލުހުންގެ ކެމެރާއިން ސާފުކޮށް އެ ސަރަހައްދު ފެންނާނެ ކަމަށް ވެސް ބުންޔާމީން ވިދާޅުވި އެވެ. ލޯންޗުގައި ރޯވިކަމަށް ބެލެވޭ މައިގަނޑު ދެ ސަބަބެއް ބުންޔާމީން ފާހަގަކުރެއްވި އެވެ. އެއީ ރެއަކީ އެ ރަށަށް ބޯކޮށް ވާރެވެހުނު ރެއަކަށް ވުމުން ހޮނު އެޅުމުގެ ސަބަަބުން ރޯވުމުގެ ފުރުސަތު އޮތްއިރު ބެޓްރީ ސޯޓެއްގެ ސަބަބުން ރޯ ވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުންޔާމީން ވިދާޅުވި އެވެ. ރޯވި އަލިފާން ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 08:05 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ