ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އިތުރުކޮށްފި

ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 30ގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަކީ މުޅި ދުނިޔެ އަށް އާންމު ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައި ވާއިރު ރާއްޖޭގައި ވެސް ރައްކާތެރިކަމުގެ ގޮތުން ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި މުއްދަތު އިތުރުކުރަން ހެލްތު މިނިސްޓަރު ނިންމެވީ އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި އިރު އޮތް ގޮތަށް ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެއްވޭ ކަމަށް މިނިސްޓަރަށް ލަފާ ދެއްވާފައި ވާތީ އެކަމަށް ރިއާޔަތްކުރައްވަ އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މި މަހުގެ 30 އަށް އިތުރުކުރުމުގެ ލިޔުމުގައި ސޮއިކުރެއްވުމުގެ ކުރިން ހެލްތު މިނިސްޓަރު އަމީން އެ ލިޔުން މިރޭ ވިދާޅުވާއިރު، ފަހަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މަޝްވަރާއެއްގައި.
މި ނިންމެވުމާ އެކު ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރު ވަނީ އަންގަވައިފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ރާއްޖޭން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. މިހާރު ރަނގަޅު ރާއްޖޭގައި ތިބި ހަތަރު މީހުންނަކީ ދިވެހިންނެވެ. އަނެއް ދެ މީހުން ވަނީ ބަލި ހުރިތޯ ކުރި ޓެސްޓުގެ ނަތީޖާ ލިބުނުމުގެ ކުރިން އެ މީހުންގެ ގައުމު ކަމަށްވާ އިޓަލީ އަށް ފުރައިގެން ގޮސްފަ އެވެ.
BREAKING: Rajjey gai kulli nurakkaluge haalathu furathama faharah iulaan koffi
Mihaaru
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ރާއްޖޭން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި އެހެން ގައުމުތަކުން ވެސް ކޮރޯނާވައިރަހާ ހެދި ދަތުރުތައް ކުރުން ހުއްޓާލުމާ އެކު ބޭރުން ރާއްޖެ އަށް މީހުން އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން މިހާރު ފަރުވާ ދެމުން އަންނަ އެންމެންނަކީ ވެސް ރާއްޖޭން ބޭރުން އައުމުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނިންމާފައިވާ ގޮތަށް ކަރަންޓީނަށް ގެންގޮސް ޓެސްޓްކުރި އިރު ވައިރަސް ހުރިކަން އެނގުނު މީހުންނެވެ.
ރާއްޖޭން ބޭރުން އަންނަ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރުމުމުގެ އިތުރުން، ވައިރަސް ފެތުރުން ކޮންޓްރޯލްކުރަން އެންމެ މުހިންމީ މީހުން އެއްވެ އުޅުން މަދުކުރުން ކަމަށް ވާތީ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ބަންދުކޮށްފައި އޮންނަތާ މިހާރު މަސް ދުވަސް ވަނީ އެވެ. މީގެ އިތުރުން، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ވެސް އެ ތަންތަނުގައި ތިބެގެން ހިދުމަތް ހޯދުން އާންމުންނަށް މަނާކޮށް މަގުމަތީގައި ވެސް އެއްކޮށް ތިން މީހުންނަށް ވުރެ ގިނައިން އުޅުން ވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ