އަދާލަތު ޕާޓީން ތައްޔާރު ކުރަމުން އަންނަ ކީރިތި ގުރުއާނުގެ ތަރުޖަމާ: ސިޔާސީ މަސައްކަތްތަކުގެ ސަބަބުން މަސައްކަތް އޮތީ ހުއްޓިފައި: އަދާލ

އަދާލަތު ޕާޓީން ތައްޔާރުކުރަމުން އަންނަ ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާގެ މަސައްކަތް ސިޔާސީ މަސައްކަތްތަކާ ގުޅިގެން މި ދުވަސްކޮޅު ހުއްޓިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އުފައްދައިފައިވާ އެމްޑީޕީ އިއްތިހާދުގެ ފަރާތުން ސ. ހިތަދޫގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޝެއިހު އިލްޔާސް ހުސެން ވިދާޅުވީ 2006 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އެ ޕާޓީން ފެށި މި މަސައްކަތުގެ ދަށުން މިހާތަނަށް ގުރުއާނުގެ 20 ފޮތެއް ތަރުޖަމާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު ފޮތެއް އިތުރަށް ބަލައި މުރާޖާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި ދުވަސްކޮޅު ރާއްޖޭގެ ހާލަތު އޮތްގޮތުން ސިޔާސީ ކަންތައްތަކުގައި ޕާޓީގެ ފަރާތުން ވެސް އުޅެންޖެހުމުގެ ސަބަބުން ތަރުޖަމާގެ މަސައްކަތް މިހާރު އޮތީ ހުއްޓިފައި،" އިލްޔާސް ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން މި އަންނަނީ ވީހާ ވެސް އަވަހަކަށް ގުރުއާނުގެ ތަރުޖަމާ ނެރެވޭތޯ މަސައްކަތްކުރަމުން."
ޖަރުޖަމާ ނެރެވެން އަދި ކިހާ މުއްދަތެއް ނަގާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ ކަނޑައެޅިގެން ވަކި މުއްދަތެއް ފާހަގަކުރައްވަން މި ވަގުތު ދަތިކަމަށެވެ.
އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި ގުރުއާނުގެ ތަރުޖަމާ ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ތަރުޖަމާގެ ފުރަތަމަ ޑްރާފްޓު އެއް މަންހަޖެއްގެ ދަސުން ތައްޔާރުކުރުން ކަމަށެވެ. އެކަން ކުރައްވަނީ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޑރ. އަބްދުއް ސައްތާރު އަބްދުއް ރަހުމާނާއި ޝެއިހު އަބްދުﷲ ބިން މުހައްމަދު އިބްރާހީމާއި ޝެއިހު ޝުއައިބު އަބްދުއްރަހުމާނެވެ. ދެ ވަނަ މަރުހަލާއަކީ 18 ބޭފުޅުންގެ ތަރުޖަމާ ކޮމިޓީއެއް އެއްވެ ފުރަތަމަ ޑްރާފްޓާ ބައްލަވައި އެންމެ ފަހު ނިންމުން ނިންވެމުން ކަމަށް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ