ރާއްޖޭގެ އިގްތިސާދު އޮތީ ހަރުދަނާކޮށް، ބަޖެޓު މެނޭޖުކުރަމުން ދަނީ ވެސް ރަނގަޅަށް: ފިނޭންސް މިނިސްޓަރު

ރާއްޖޭގެ އިގްތިސާދު އޮތީ ހަރުދަނާކޮށް ކަމަށާއި އަދި ދައުލަތުގެ ބަޖެޓު މޭނޭޖުކުރަމުން ދަނީ ވެސް ރަނގަޅަށް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ޖިހާދު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި މާލީ ހާލަތާ ބެހޭ ގޮތުން ބައެއް ސިޔާސީ ފަރާތްތަކުން ފަތުރަމުންގެންދާ ވާހަކަތަކަށް ރައްދުދެއްވުމު ގޮތުން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިނިސްޓަ އޮފް ސްޓޭޓް ފޮ ފިނޭންސް އެންޑް ޓްރެޒަރީ ރިޟްވާން ޝަރީފް ވެސް ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި ޖިހާދު ވަނީ ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން ސިޔާސީ ބައެއް ފަރާތަތްކުން ވިދާޅުވަމުން ގެންދަވާ ވާހަކަތައް ތަކުރާރުކޮށް ދޮގުކުރައްވައިފަ އެވެ.
"އަޅުގަނޑު ދަންނަވާނީ އިގްތިސާދު މިއޮތީ ވަރަށް ހަރުދަނާ ގޮތެއްގައޭ، ބަޖެޓް ވެސް މެނޭޖުކުރަމުން މި ދަނީ ރަނގަޅަށޭ. ކުރިއަށް އޮތް ތަނުގައި ވެސް އެކަން ދާނީ އެގޮތަށޭ. ބައެއް ފަރާތްތަކުން ދައްކާ ވާހަކަ އަކީ ދޮގު ވާހަކައޭ،" އޭނާ ވިދާޅުވި އެވެ.
ބަޖެޓާއި ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ބައެއް ހިސާބުތައް ވެސް ވަނީ ހާމަކުރައްވާފަ އެވެ. ޖިހާދު ވިދާޅުވީ ގޮތުގައި 2008 ވަނަ އަހަރު ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން 2.4 މިލިއަން ރުފިޔާ ނުލިބޭނެކަން ކުރިން ވެސް ހަމަކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ބަޖެޓް މެނޭޖުކުރެވޭނެ ވަރަށް މިހާރު ހަރަދުތައް ކުޑަކުރެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓްގެ ކޭޝްފްލޯ މެނޭޖު މިކުރަކީ ޓްރެޝަރީ ބިލް (ޓީބިލް) ވިއްކައިގެން. ބަޖެޓް މެނޭޖުކުރުމަށް އެއްވެސް ދަތިކަމެއް ނެތް މިހާރަކު. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ސަރުކާރުގެ މުއައްޒަފުންނަށް މުސާރު ނުދެވޭހާ ވަރަށް ބަޖެޓް ހާލަތު ދަށް ވާހަކަ އެބަ ވިދާޅުވޭ. އެއީ އަޅުގަނޑު ދަންނަވާނީ ދޮގު ވާހަކައެކޭ. މި އަހަރު އެއްވެސް ފަރާތަކަށް މުސާރަ ނުދީއެއް ނޯންނާނެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މުސާރަ ނުދެވި ނޯންނާނެ،" ޖިހާދު ވިދާޅުވި އެވެ. " 2008 ވަނަ އަހަރުގެ ބަޖެޓުން ކުރަންޖެހޭ ކަންތައްތައް ކުރަމުން މިދަނީ. ސާޅީސް އެތައް ރަށެއްގެ ބަނދަރު ފުންކުރަމުން މި ގެންދަނީ. އެތައް ރަށެއްގެ މިސްކިތްތަކާއި އިތުރު ޕްރޮޖެކްޓުތަކެއް ހިންގަމުން މި ގެންދަނީ އޭގެ ސަބަބުން އެއްވެސް ފަރާތަކަށް ނޭދެވޭ އަސަރެއް ނުކުރާ ގޮތަށް."
ޖިހާދު ވިދާޅުވީ ބަޖެޓުން ޑިފިސިޓްވާ ގާތްގަނޑަކަށް 837 މިލިއަން ރުފިޔާ ޓީބިލް ވިއްކައިގެން ހޯދާފައިވާނެ ކަމަށެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާފައިވާ އެއްވެސް ޓީބިލެއް މިހާރު ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހަރު ފެށުނުއިރު އެމްއެމްއޭ އިން ބައެއް ފަހަރަށް ޓީބިލް ގަނެފައި އެބަހުރި. އެއީ ރަނގަޅު ކަމެއް ވެސް ނޫން. އެކަމަކު އޭރު އެގޮތަށް ގަންނަން ޖެހުނީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ނުކުރެވުނީމަ. އަޅުގަނޑު މި މަގާމާ ހަވާލުވި ފަހުން އެމްއެމްއޭ އިން ޓީބިލް ގަނެފައެއް ނޯންނާނެ. އޭގެ މާނައަކީ އެމްއެމްއޭ އިން ފައިސާ ނަގައިގެން ބަޖެޓް ހަމަޖައްސާފައެއް ނޯންނާނޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވަޑައިގަތްއިރު 1.4 ބިލިއަން ރުފިޔާގެ ޓީބިލް ހުރި ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު 931 މިލިއަން ރުފިޔާ ދަށްކުރުމުގެ ސަބަބުން ބޭންކިން ސެކްޓާއަށް 500 މިލިއަން ރުފިޔާ އިތުރުގެން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބައެއް ފަރާތްތަކުން އެ ދައްކަނީ ބޭންކުން ލާރި ހުސްވެއްޖޭ ސަރުކާރުގެ ބަޖެޓަށް ނެގީމަ. ނޫން އެއީ ދޮގު ވާހަކައެއް. ބައި ބިލިއަން ރުފިޔާގެ ކޭޝް އެގޮތަށް ބޭންކިން ސެކްޓާއަށް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. ލިކުއިޑިޓީ (ފައިނޭސް ލިބުމުގެ) އިޝޫއެއް ބޭންކުތަކުގައި ހުރެގެން ނުވާނެ މިހާރަކު،" ޖިހާދު ވިދާޅުވި އެވެ. " 2005 ވަނަ އަހަރު އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރި އަދަދަކީ ގާތްގަނޑަކަށް ހަ ބިލިއަން. މިއަދު އަޅުގަނޑު ބެލިއިރު 17 ބިލިއަން ރުފިޔާ އެބަހުރި ލޯނުގެ ގޮތުގައި ދޫކޮށްފައި. ތިން ގުނަ އިތުރަށް މިހާރު އޮތީ ލޯނު ދޫކުރެވިފައި. އެއިގެން ދައްކައިދެނީ ރާއްޖޭގެ ތަރައްގީއަށް އިތުރަށް ފައިސާ ލިބުނު މިންވަރު. މިއީކީ ތޯތޯ ވާހަކަތަކެއް ނޫން. މިއީ ހިސާބު އަކުރުރަކުން ދައްކާ ވާހަކަ."
ފިނޭންސް މިނިސްޓަރު ވިދާޅުވީ ބައިނަލްއަގުވާމީ މަޝްރަހަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ އަސަރު ރާއްޖޭގެ ބޭންކުތަކަށް ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބޭންކުތަކަކީ ބޭރުގެ ހިއްސާގެ ބާޒާރުތަކުން ފައިސާ ހޯދާ ބަޔަކަށް ނުވާތީ، ރާއްޖޭގެ ބޭންކިން ދާއިރާގައި އެއްވެސް ކަހަލަ މައްސަލައެއް މިވަގުތު އުޅެގެން ނުވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ރާއްޖޭގެ ރިޒާވް ދަށްވެ އަހަރު ނިމޭއިރު މާބޮޑު އެއްޗެއް ރިޒާވްގެ ގޮތުގައި ނުހުންނާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައާ ބެހޭ ގޮތުން ޖިހާދު ވިދާޅުވީ އެއީ ވެސް ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަހަރު ފެށުނުއިރު ހުރި 307 މިލިއަން ޑޮލަރުން މިއަދު 258 މިލިއަން ޑޮލަރު ރިޒާވް ދަށްވެފައިވަނީ، އެސްޓީއޯގެ ތެޔޮ ބިލް އަދާކުރަން އެމްއެމްއޭ އިން ބޭރު ފައިސާ ވިއްކަންޖެހުމުގެ ސަބަބުންނެވެ.
"އެއްގޮތަކަށް ވެސް ސަރުކާރުގެ ބަޖެޓް ފައިނޭންސްކުރަން ދީގެން ދިމާވި މައްސަލެއް ނޫން އެއީކީ. އަދިވެސް މެނޭޖުކުރެވޭވަރުވޭ. ރިޒާވްގައި ލާރިނެތޭ ކިޔައިގެން ދައްކާ ވަހަކަ އަކީ ވެސް ދޮގު ވާހަކައެއް. މިހާރު ވެސް ބައްލަވާ އެމްއެމްއޭ އަށް ގުޅުއްވައިގެން،" ޖިހާދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ މިންގަނޑުތައް ވެސް ހުރީ ރަނގަޅަށް ކަމަށް ޖިހާދު ވިދާޅުވި އެވެ. ގައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހަތް ޕަސެންޓުގައި ހުރެ ހަލުވިމިނެއްގައި ރާއްޖެ ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ދައްކާ ގޮތުން އިންފްލޭޝަން މިހިރީ 11 ޕަސެންޓުގައި ހިފެހެއްޓިފައި. ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން އެބައި ކުޑަވެގެން އަންނާނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ވަގުނޫޓު ދައުރުވާކަމަށް ދެކެވޭ ވާހަކަ އާ ބެހޭ ގޮތުން އެމްއެމްއޭއާ ހަވާލާ ދެއްވާ ޖިހާދު ވިދާޅުވީ ބޭންކު ތަކުގައި އެއްވެސް ވަގު ފައިސާ އެއް ނުހުންނާނެ ކަމަށް އެމްއެމްއޭ އިން ޔަގީންކޮށްދީވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ރިޟްވާން ވިދާޅުވީ ބައިނަލް އަގުވާމީ މަޝްރަހުގައި އުޅޭ މާލީ މައްސަލަތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަށް އޭގެ އަސަރު ފޯރިއަސް، ހުރިހާ ފަރާތްތަކުން ބަލައިގެން ހަރަދު ކުޑަކޮށްގެން އުޅެނިކޮށް އެކަން ހައްލުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީ އަށް ލުއިލޯނުގެ ގޮތުގައި ބޮޑެތި އެހީތައް ވުމަށް ބޭރުގެ ބޭންކުތަކުން މިހާރު ވެސް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ