ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި ތޮށި ލެވޭނެ ފައިސާ ކަށަވަރު ވެއްޖެ: ރައީސް ނަޝީދު

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި ތޮށި ލާން ބޭނުންވާ ފައިސާ ކޯޕަންހޭގަން ސަމިޓުގެ އެއްބަސްވުމުގެ ދަށުން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ ތިމާވެއްޓާ ބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑެންމާކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ތަރައްގީ ވަމުން އަންނަ ނާޒުކު ގައުމުތަކަށް އެހީތެރިވެދިނުމަށް ސިނާއީ ގައުމުތަކުން ދޭން ކޯޕަންހޭގަން އެއްބަސްވުމުގައި ވައުދުވެފައިވާ ފައިސާގެ "އިންސާފުވެރި މިންވަރެއް" ރާއްޖެ އަށް ލިބޭނެ ކަމަށާއި އެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރެވޭނެ ކަމަށެވެ. މި ކަމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭ 30 ބިލިއަން ޑޮލަރު ދިނުމަށާއި 2020 ވަނަ އަހަރުން ފެށިގެން އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ބޮޑެތި ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.
"އަޅުގަނޑު ދަންނަވާނީ މިހާރު އިރާދަކުރެއްވިއްޔާ ފައިސާގެ ދަތިކަމެއް ނާންނާނޭ. ތޮއްޓެއް ލާން ޖެހިގެން ނުވަތަ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރަން ވެގެން، ބަނދަރެއް ހަދަން ވެގެން. ފައިސާގެ ދަތިކަމެއް އައިސްގެނެއް އިރާދަ ކުރެއްވިއްޔާ އޭގެން ކަމެއް ހުއްޓިފައެއް ނުބެހެއްޓިދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރަށް ރަނގަޅަށް މިހާރު އިތުބާރާ އެކީގައި ދެންނެވިދާނެ ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ އާއި ކަރަންޓާ އަދި ހުރިހާ ރަށެއްގެ ތޮށިލެވޭ ގޮތަށޭ މިހާރު މި އޮތީ. ހަމައެކަނި ކޮން އިރަކުންތޯ އަޅުގަނޑުމެންނަށް އެކަން ކުރެވޭނީ - އެއީ އަޅުގަނޑުމެންނަށް މަސައްކަތް ހިންގުނުހާ ބާރަކަށް."
އެހެން ނަމަވެސް - ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ކޯޕަންހޭގަން އެއްބަސްވުމުން ކަށަވަރުވާ ކަމަށް މިއަދުގެ ނިއުސް ކޮންފަރެންސްގައި ވިދާޅުވެފައި - ބިދޭސީ ނޫސްވެރިއަކު ފަހުން ތަކުރާރުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ކޯޕަންހޭގަން އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާ އިން ފުއްދޭނީ ރާއްޖެ އަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ކަންކަމުގެ ބޮޑުބައެއް ކަމަށާއި އެއީ - އެ މަނިކުފާނު ލަފާ ކުރައްވާ ގޮތުގައި - 30 ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމާއި ތޮށިލުން ކަމަށެވެ.
ދުނިޔޭގެ 193 ގައުމަކުން ބައިވެރިވި ކޮންފަރެންސް އޮފް ދަ ޕާޓީސް ނުވަތަ ކޮޕް 15 ގެ ވާހަކަތަކުގައި މުހިއްމު ދައުރެއް އަދާ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް ލިބޭ ފައިސާގެ ތެރެއިން ތިމާވެށްޓަށް ހަރަދު ކުރަމުން އަންނަނީ ވަރަށް ކުޑަ އެއްޗެއް ކަމަށާއި ސަރުކާރުގެ ވުޒާރާތަކާއި ރައްޔިތުންގެ މަޖިލިހުން ސަމާލުކަން ދޭންވީ އެ މިންވަރު އިތުރު ކުރުމަށް ކަމަށެވެ.
ކޯޕަންހޭގަން ސަމިޓުގެ މައިގަނޑު އަމާޒަކަށް ވެފައި އޮތީ ދުނިޔެ ހޫނުވަމުން ދިއުން ކުޑަކުރުމަށްޓަކައި ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރު ވަކި ވަރަކަށް މަދު ކުރުމަށް ގައުމުތަކަށް ލާޒިމުކުރާ އެއްބަސްވުމެއް ގާއިމް ކުރުމެވެ. ކޯޕަންހޭގަންގައި އެފަދަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ރާއްޖޭގެ ދެމިއޮތުމާ މެދު ސުވާލު އުފެދޭނެ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައި ވާއިރު ގާނޫނީގޮތުން ލާޒިމު އެއްބަސްވުމަކަށް ނާދެވި ސަމިޓު ނިމިގެން ދިއުމުން ވިދާޅުވަނީ ކީކޭތޯ ނޫސްވެރިއަކު ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ އެޑަޕްޓޭޝަނަށް ބޭނުންވާ ފައިސާ ދޭން ގައުމުތަކުން ވައުދުވުމުން މިހާރު ދެކެވަޑައިގަންނަވަނީ "ވަރަށް އުއްމީދީކޮށް" ކަމަށެވެ.
"މޫސުން ބަދަލުވީމާ ދިމާވާނެ ކަންކަމަށް ހޭނުމަށްޓަކައި ކުރަން ޖެހޭ ހޭދަ މިހާރު ކުރެވޭ ގޮތަށް އިރާދަ ކުރައްވައިގެން މި އޮތީ. އެހެންވީމާ މިއީ ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ރަނގަޅެއް. ރާއްޖެއަކަށް މިކަން ދޫކޮށްލާފައި ދެވޭކަށެއް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު މިހާރު މި ދެކެނީ ވަރަށް އުއްމީދީކޮށް."
ރައީސް އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން ބޭނުންވި މިންވަރަކަށް މި ކަމުގައި ކާމިޔާބެއް ނުލިބުނު" ނަމަވެސް އެއްބަސްވުމެއް އެކުލަވާލެވުމުން ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހިތްހަމަޖެހޭ. އަޅުގަނޑު ދެކެނީ އެ ތަނުން އެރޭ އަޅުގަނޑުމެންނަށް އެއްބަސްވުމެއް ނުލިބުނުނަމަ ވަރަށް ގިނަ ކަންކަން ހަރާބުވީސް ކަން. [އެއީ] މުޅި މި މަސައްކަތް އަލުން އަނބުރާ ފަށަން ޖެހުން،" ރައިސް ނަޝީދު ވިދާޅުވި އެވެ. " އެއްވެސް އެއްބަސްވުމެއް ނުނެރެވުނު ނަމަ އދ. އާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދުނީސް. ދެން ހަމަ އަނެއްހެން ބަލާ އިރުގައި ޔޫރަޕްގެ ބައެއް ގައުމުތައް ތިބި އެ ތަނުން އެއްބަސްވުމެއް ނުނެރެވިއްޖެނަމަ އެ ބޭފުޅުންނަށް އެނބުރި ރަށަށް ވަޑައިގެން ސަރުކާރު ހިފެހެއްޓުމާ ދޭތެރޭ ޝައްކު އުފެދޭ."
ކާބަން ދޫކުރާ މިންވަރު ވަކި ވަރަކަށް ދަށް ކުރުމަށް ގައުމުތަކުން 2020 ވަނަ އަހަރަށް އަމާޒުތަކެއް ކަނޑައަޅައި އަންނަ މަހުގެ ނިޔަލަށް އދ. އަށް ހުށަހަޅާނެ ކަމަށް ކޯޕަންހޭގަން އެއްބަސްވުން ބުނެ އެވެ.
ސަމިޓުގައި ބައިވެރިވި ގައުމުތަކުން މިހާރު ސޮއި ކުރަމުން އަންނަ އެއްބަސްވުމާ އެކު އިތުރު މަސައްކަތްތައް ކުރަން ޖެހޭކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"ސައިންސް މި ބުނަނީ ހަތް އަހަރު ދުވަހޭ ހަގީގަތުގައި ގޮތެއް ނިންމަން ދުނިޔެ އަށް އޮތީ. ހަތް އަހަރު ތެރޭގައި ކޮންމެވެސް ގޮތެއް ނުނިއްމިޖެއްޔާ މޫސުމާ ގުޅޭ ކަންކަން އެބަ ހަމައިން ނައްޓާ ހިސާބަށް ހިނގައިދާނޭ،" އެ މަނިކުފާނު ވިދާޅުވި އެވެ. "އެކަން އެހެން ހިނގައިފިނަމަ ދެން ވަރަށް ދަތިވާނޭ އަލުން އަނބުރާ ކަންކަން އިހުގައި ހުރި ފާލަށް ރުޖޫއަ ކުރަން. އެހެންވީމާ މި އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ގޮތްތަކެއް ނިންމަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ