ބަދަލު ހޯދުމަށް ފުލުހުންގެ މައްޗަށް ޔާމީން ދައުވާ އުފުއްލަވައިފި

ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ ތުހުމަތުގައި ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން މިދިޔަ ޖޫން މަހުގެ ތެރޭގައި ފުލުހުން ހައްޔަރުކުރި މައްސަލައިގައި ބަދަލު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް ދައުވާ ހުށަހަޅުއްވައިފި އެވެ.
ޔާމީންގެ ވަކީލު އައްބާސް ޝަރީފު ބުރާސްފަތި ދުވަހު ވިދާޅުވީ ފުލުހުންނާ ދެކޮޅަށް ދައުވާ ކުރުމަށް މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހެޅުއްވީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ޔާމީން ގަދަކަމުން ހައްޔަރުކޮށް ދޫނިދު އަށް ގެންދެވީ އެކަމަށް އޮންނަ ޕްރޮސީޖަރާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އޭގެ ބަދަލު ހޯދުމަށްޓަކައި ކަމަށެވެ.
އައްބާސް ވިދާޅުވީ ބަދަލުގެ ގޮތުގައި އެއްވެސް މިންވަރެއް ހޯދުމަށް ދައުވާގައި ބުނެފައި ނެތް ނަމަވެސް ޔާމީން އެދިވަޑައިގެންފައި ވާނީ ގާނޫނު އަސާސީގެ 68 ވަނަ މާއްދާގައިވާ ގޮތަށް އަމަލުކޮށް ދިނުމަށް ކަމަށެވެ.
އަސާސީ ހައްގުތަކުގެ ބާބުގެ 68 ވަނަ މާއްދާގައި ވަނީ "ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިގްރާތީ މުޖުތމައުތަކުން ގަބޫލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަންވާނެ އެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތް ކުރަންވާނެ އެވެ،" މިހެންނެވެ.
އައްބާސް ވިދާޅުވި ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެކޮޅަށް ޔާމީން ދައުވާ ކުރައްވަނީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ފުލުހުންނާ ދެކޮޅަށް ޔާމީން ކޯޓަށް މައްސަލަ ހުށަހެޅުއްވި ނަމަވެސް އެ މައްސަލަ ބަލައިގަތް ކަމެއް އަދި ކޯޓުން ނާންގާ ކަމަށް އައްބާސް ވިދާޅުވި އެވެ.
ފުލުހުންނާ ދެކޮޅަށް ޔާމީން ދައުވާ ކުރައްވާއިރު އޭނާ އަށް ސިފައިން ހިމާޔަތް ދިން މައްސަލައިގައި، ޔާމީންގެ އަސާސީ ހައްގުތަކެއް ނިގުޅައިގަތުމުގެ ބާރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ލިބިގެން ނުވާ ކަމަށް މަދަނީ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ